ބަނގުރާބުއިމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަބަލުން އަދި މި ސަރުކާރުގެ ޖެންޑާ މިނިސްޓަރު ފާތިމަތު ދިޔާނާ ސައީދު ކުރީގެ ރައީސް މުހަންމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް ނަޝީދާއި ދިޔާނާގެ ބައްދަލުކުރެއްވުން އޮތީ ރައީސް ނަޝީދުގެ އަނބިކަބަލުން ލައިލާ އަލީގެ ގެކޮޅު، މ. ޔާގޫތުގޭގައި މިއަދު ހެނދުނު އެވެ.

ބައްދަލުވުމަށް ފަހު ނިކުމެ ވަޑައިގަތް އެ ސަރަހައްދުގައި ތިބި "ސަން އޮންލައިން" އާއި "ހަވީރު"ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ ރައީސް ނަޝީދާއި ބައްދަލުކުރެއްވީ ދިޔާނާ އަމިއްލަ އަށް އެދިވަޑައިގަތް ކަމަށާއި އޭނާގެ ފިރިކަލުންނާއި އެކު އެމްޑީޕީގެ މެންބަރުންތަކެއްވެސް ހައްޔަރު ކުރީ ގާނޫނީ އިމުން ބޭރުން ކަމަށްވާތީ އެކަމާ މެދު ރައީސް ނަޝީދާއި މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެ ބޭފުޅުންނަށް އަނިޔާކޮށްފައިވާތީ އެ ކަންބޮޑުވުން ރައީސް ނަޝީދާއި ހިއްސާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ މެންބަރުންވެސް ހައްޔަރު ކުރެވުނު ދެއްތޯ. އެމީހުންނަށް އަނިޔާ ލިބުނުކަންވެސް މިހާރު އަޅުގަނޑުމެން އެންމެންނަށްވެސް ސާފު. ގާނޫނީ އިމުން ބޭރުގައި އެކަން ކުރެވުނުކަންވެސް، ކޯޓުން ދޫކޮށްލި ދޫކޮށްލުމުން ސާފުވޭ. ރައްޔިތުން މަޖިލީހުގެ ރައީސްވެސް އެ އޮތީ އެކަން ކުރީ ގަވާއިދާއި ހިލާފަށޭ. އިމްތިޔާޒު ކޮމެޓީންވެސް އޮތީ ނިންމާފައި. ދައުލަތުގެ އެއްބާރުންވެސް އެކަމަށް އިއުތިރާފްވޭ. ސަރުކާރުގައި ތިބޭ ބޭރުވެރި ފަރާތްތަކުން ގާނޫނީ އިމުން ބޭރުން މިބާވަތުގެ ކަންތައްތައް ކުރުން. މިކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު. އެއީ ރައީސް ނަޝީދު މި ވަނީ އެމްޑީޕީގެ އިސްފަރާތައް،" ދިޔާނާ ވިދާޅުވި އެވެ.

އެކަމުގައި ރައީސް ނަޝީދުގެ ވިސްނުމަކީ ކޮބައިތޯ ދެންނެވުމުން ދިޔާނާ ވިދާޅުވީ އެކަމާ މެދު "ކޮމެންޓެއް ނެތް" ކަމަށެވެ. ވަޒީރުކަމުން އިސްތިއުފާދެއްވާ ނަންތޯ ދެންނެވުމުން ދިޔާނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އަދި ނުވިސްނާ~ ކަމަށާއި އެ މައްސަލައިގައި ސަރުކާރުގެ ތެރެއިން ޕްރެޝަރެއްވެސް ނެތް ކަމަށެވެ.

"ރައީސް ވަހީދު އޭގެ ފަހުންވެސް ނުގުޅާ އަދި އަޅުގަނޑުވެސް ގުޅާކަށް ނޫޅެން،" ރައީސް ވަހީދާއި މަޝްވަރާ ކުރެއްވިންތޯ ދެންނެވުމުން ދިޔާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިރިކަލުން ހައްޔަރު ކުރި މައްސަލަ ގާނޫނީ ގޮތުން ރިވިއުކުރަމުން އަންނަ ކަމަށާއި ފިރިކަލުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާކުރުމަށް ވިސްނަވައިގެން ހުންނެވި ކަމަށެވެ.

ޖާބިރުގެ ޔޮޓް ޓްއާޒްއިން ތަރައްގީ ކުރަމުން އަންނަ ހދ. ހޮނޑައިދޫ އިން ޖާބިރާއި އެކު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ރައީސް ނަޝީދުގެ ސަރުކާރުގެ ސުޕެޝަލް އެޑްވައިޒާ އިބްރާހިމް ހުސެން ޒަކީ އާއި ކުރީގެ ޕްރެސް ސެކްރެޓަރީ، މުހަންމަދު ޒުހައިރު (ޖުހާ)ވެސް ފުލުހުން ހައްޔަރުކުރި އެވެ. އެ މައްސަލައިގައި ޖުމްލަ 10 މީހުން ހައްޔަރު ކުރީއިރު އޭގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ވަނީ މުއްދަތު ޖަހަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ބަންދުން ވީއްލާފަ އެވެ.