17 Nov 2012, 11:02
މިދިޔަ ބުދަދު ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 29 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
ކަން މިހެން ހުއްޓައި ބިންމަތީގެ ވަރުގަދަ ލަޝްކަރެއް ފޮނުވައި ޣައްޒާ ހިފަން އިސްރާއީލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އިސްރާއީލުގެ ރިޒާވް ސިފައިންގެ 75000 މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ޣައްޒާ އަށް ފޮނުވުމަށް އެގައުމުގެ ކެބިނެޓުން ނިންމާފައިވާ ކަމަށް ރޮއިޓާސް އިން މިއަދު ބުންޏެވެ.
އިސްރާއީލުން ބައިނަލްއަގުވާމީ މުޖުތަމައަށް މިކަމުގައި ދައްކަމުން ގެންދާ ބަހަނާއަކީ ހަމާސް ޖަމާއަތުން އެގައުމަށް ރޮކެޓް ހަމަލާ ދިނުމެވެ. ނަމަވެސް އަމިއްލަ އަށް އުފައްދާފައިވާ އާދައިގެ ރޮކެޓުން ދިން ހަމަލާތަކުގައި އިސްރާއީލަށް ލިބުނު ގެއްލުން، ޣައްޒާ އަށް ލިބުނު ގެއްލުމާ އަޅާ ބަލާއިރު ވަރަށް ކުޑަ އެވެ. އެހަމަލާތަކުގައި މިހާތަނަށް އިސްރާއީލުން މަރުވީ ތިން މީހުންނެވެ.
އިސްރާއީލުން ދޭން ފެށި ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެން ހަމާސް ޖަމާއަތުން ވެސް މިފަހަރު ވަނީ ކުރިން ނުކުރާ ދެކަމެއްކޮށްފަ އެވެ. އެއީ އިސްރާއީލުގެ ވިޔަފާރީގެ މަރުކަޒީ ރަށް ތެލްއަވީވަށް ރޮކެޓް ހަމަލާ ދިނުމާއި އިސްރާއީލުގެ ވެރިރަށް ކަމަށް ހަދައިގެން އުޅޭ މާތްވެގެންވާ ގުދުސަށް ހަމަލާދިނުމެވެ. ފަލަސްތީނު މީހުންގެ ހަމަލާއެއް ގުދުސަށް އެންމެ ފަހުން އަމާޒުވެފައި ވަނީ 1970 ވަނަ އަހަރު އެވެ.
ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން އިސްރާއީލުން ތައްޔާރުވަމުންދާ އިރު ހަމާސް ޖަމާއަތުން ވެސް ބުނަމުން ދަނީ ވަރުގަދަ އަށް ރައްދު ދޭނެ ކަމަށާއި އެފަދަ ހަމަލާތަކެއްގެ ނަތީޖާ އިސްރާއީލަށް ރަނގަޅު ނުވާނެ ކަމަށެވެ.
"އެފަދަ ހަމަލާއެއްގެ ނަތީޖާއާ މެދު އިސްރާއީލުން ހޭއަރާ ތިބެންވާނެ، އެމީހުން އަންނަން ވާނީ އެމީހުންގެ ބޮޑީ ބޭގްތައް ހިފައިގެން،" ހަމާސްގެ ތަރުޖަމާނު ސާމީ އަބޫ ޒުހްރީ ވިދާޅުވި ކަމަށް ރޮއިޓާސްގައިވެ އެވެ.
ކުރިން ދިން އެތައް ހަމަލާތަކަކާއި ހިސޯރުގެ ސަބަބުން މިހާރު ވެސް ވަރަށް ދެރަ ހާލެއްގައި އޮތް ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ މެދު ކަންބޮޑުވެގެން އުޅޭ މެދުއިރުމަތީގެ ހަމަ އެކަނި ގައުމު ކަމަށްވާ މިސްރުން ވަނީ ވާހަކަ ދައްކައިގެން އެމައްސަލަ ހައްލުވޭތޯ މަސައްކަތްކުރަމުންދާ ކަމަށް ބުނެފަ އެވެ.
އެންމެ ޒަމާނީ މަތިންދާބޯޓްތައް ބޭނުންކޮށްގެން އިސްރާއީލުން ޣައްޒާ އަށް ބޮން އަޅަމުންދާއިރު އެމެރިކާއިން ގޮވާލާފައި ވަނީ ހަމާސްއާ ސިޔާސީ ގޮތުން ގުޅުން އޮންނަ ގައުމުތަކުން އެޖަމާއަތާ ވާހަކަ ދައްކައިގެން ރޮކެޓް ހަމަލާތައް ހުއްޓުވުމަށެވެ.