"އިންޑިއާ ދެކޮޅު މުޒާހަރާތަކާ މެދު ކަންބޮޑުވާ ކަމަށް" އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ރޭ ބުނެފި އެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުން ކަމަށް ބުނެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ރަސްމީ ތަރުޖަމާނު ރޭ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ހިނގަމުންދާ "އިންޑިއާއާ ދެކޮޅު މުޒާހަރާތަކާ މެދު" އެގައުމުން ކަންބޮޑުވާ ކަމަށާއި ދާދި ފަހުން ރާއްޖެ އަށް ޒިޔާރަތް ކުރެއްވި އެގައުމުގެ އިސް އޮފިޝަލަކު، އެކަން ބޮޑުވުންތައް ދިވެހި ސަރުކާރަށް ހުށައަޅުއްވާފައި ވާނެ ކަމަށެވެ.

އިންޑިއާއާ ދެކޮޅު މުޒާހަރާތަކެއްގެ ގޮތުގައި އެ ގައުމުން ސިފަކޮށްފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ދިގު މުއްދަތަކަށް ކުއްޔަށް ހިފާފައިވާ، އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ކަމަށް ބެލެވެ އެވެ.

މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ރޭ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންނާއި ސިޔާސީ އެހެން ބައެއް ޝަޚުސިއްޔަތުތައް ހައްޔަރު ކުރި މައްސަލައާ މެދު ނެރުނު އެބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ގޮތުން ރާއްޖޭގައި އުފެދެމުން އަންނަ ހަމަނުޖެހުމާ މެދު އިންޑިއާ އިން ކަންބޮޑުވާ ކަމަށެވެ.
ޑިމޮކްރެޓިކް އުސޫލުތަކާއި ގާނޫނުގެ ވެރިކަމަށް ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އިހުތިރާމްކޮށް، މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގު ކޮށުމަށް ވެސް އިންޑިއާގެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި ބުނެފައި ވަނީ ރާއްޖޭގެ އިސްފަރާތްތަކާ އެކު އިންޑިއާ އިން ގަވައިދުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"ގާތް އެކުވެރި ގައުމެއްގެ ގޮތުން، ރާއްޖޭގެ ސިޔާސީ ހަމަނުޖެހުމާ މެދު އިންޑިއާ އިން ކަންބޮޑޫވެ އެވެ. ސުލްހަވެރި، ޑިމޮކްރެޓިކް ގޮތަކަށް ވާހަކަތައް ކުރިއަށް ގެންގޮސް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައިވާ ހަމަނުހުންތައް ހުއްޓުވުން ބޭނުމެވެ." އިންޑިއާގެ ބަޔާނުގައިވެ އެވެ.