ކިތަންމެ އުނދަގުލުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވި ކަމުގައި ވިޔަސް ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައްތައް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންނަމާދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އިއްޔެ ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އަދި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއްވެސް މީހަކަށް ގާނޫނަށް ވުރެ މަތީގައި ހުރެވިގެން ނުވާނެ ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވިދާޅުވީ ރާއްޖެ އަށް ބަދަލުތައް އަންނަމުން ދިޔަ ކަމުގައި ވިޔަސް މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތު ދެމެހެއްޓުމަށް އަބަދު ވެސް އަހަންމިއްޔަތުކަން ދޭން ޖެހޭނެ ކަމަށާއި ދިވެހި މުޖްތަމައަކީ ސުލްޙަވެރި އެކުވެރިކަމާއި އެއްބާރުލުމުގެ މުޖްތަމައަކަށް އަދި ކުށް މަދު މުޖްތަމައަކަށް ހަދަން ޖެހޭ ކަމަށެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރަށްރަށަކީ ރައްކާތެރި އަދި މަސްތުވާތަކެތިން ސަލާމަތްވެފައިވާ އަމާން ރަށްރަށަށް ހެއްދެވުމަށް ރައީސް ގޮވާލެއްވި އެވެ.

"ރަނގަޅު ހަރުދަނާ ތަރުބިއްޔަތެއް ދަރިންނަށް ދެވިއްޖެ ނަމަ މުޅި މުޖްތަމައުގެ އެންމެންނަކީ ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރްމަތްތެރިކޮށްހިތާ ބަޔަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.

އިންނަމާދުއަކީ ރާއްޖޭގެ އެހެން ބައެއް ރަށްރަށާ ހިލާފަށް ކުށްކުރުން މަދު ރަށެއްކަން ފާހަގަކުރައްވަމުން އެއިން ދައްކައިދެނީ އިންނަމާދޫ ރައްޔިތުން ގާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލަނބައި ހުރުމަތްތެރިކޮށްހިތާ މިންވަރު ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.