17 Nov 2012, 10:31
ވޮޝިންޓަން (ނޮވެމްބަރ 17) : އެމެރިކާގެ ސިފައިންގެ މުއައްސަސާގައި ޖިންސީ ގޯނާކުރުން ހައްދުފަހަނަޅައިފައިވާކަން ހާމަކޮށްދޭ ފިލްމެއް އެެމެރިކާގައި ނެރެފި އެވެ.
އެމެރިކާގެ ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ކާބީ ޑިކް ދާދިފަހުން ނެރުނު މިފިލްގައި އެމެރިކާގެ ސިފައިންގެ މުއައްސަސާގައި ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް އެންމެ މަތީ ރޭންކްތަކުގެ އޮފްސަރުން ފެށިގެން އެންމެ އާދައިގެ ޕްރައިވެޓުންނާ ހަމައަށް ވެސް މޫލާފައިވާމިންވަރު ހާމަކޮށްދީފައިވެ އެވެ. މިފިލްމު ނެރެފައި މިވަނީ އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ)ގެ ވެރިޔާ ޑޭވިޑް ޕެޓްރިޔޮސް އަޚްލާޤީ ފަޟީޙަތަކާ ގުޅިގެން މަޤާމުން އިސްތިއުފާދެއްވާފައިވާ ދުވަސްވަރާ ދިމާކޮށެވެ.
މިފިލްމުގައި ޖިންސީ ޝިކާރައަކަށްވާ އެމެރިކާ ސިފައިންގެ އަންހެނުންނަށް އިންސާފުނުލިބޭ މައްސަލައާއި އެމީހުންނަށް ޖިންސީ ގޯނާކުރާ އޮފްސަރުންގެ ނުފޫޒުގެ ސަަބަބުން އެފަދަ މައްސަލަތައް ނުބެލޭމިންވަރު ހާމަކޮށްފައިވެ އެވެ. އަދި ޖިންސީ ޝިކާރައަކަށްވާ އަންހެން ސިފައިންނަށް ލިބޭ ޖިންސީ އަނިޔާތަކުގެ ބޮޑުކަމުން އެފަދަ އަންހެނުންގެ މުޅި ޙަޔާތް ނަފްސާނީ ގޮތުން ނާއި ޖިސްމާނީ ގޮތުން ބަރުބާދުވެފައިވާ މިންވަރު ވަރަށް ރަނގަނޅަށް ހާމަކޮށްދޭ ކަމަށްވެ އެވެ. މި ފިލްމުން ފެންނަ ގޮތުގައި އަންހެން ސިފައިން ރޭޕްކުުރުމަކީ އެމެރިކާ ސިފައިންގެ މަތީފެންވަރުގެ އޮފްސަރުންގެ މެދުގައި ވަރަށް އާންމު ކަމެކެވެ. ރޭޕްކުރާ ގިނަ އޮފްސަރުންނަށް އަދަބެއް ނުލިބޭކަމަށާއި ޖިންސީ ޝިކާރައަކަށްވެފައިވާ ގިނަ އަންހެން ސިފައިން އެފަދަ އޮފްސަރުން ދެކެބިރުން އެފަދަ މައްސަލަތައް ރިޕޯޓްނުކުރާ ކަމަށާއި ރިޕޯޓްކުރަނީ ވަރަށް މަދު ޙާލަތްތަކެއްކަން ވެސް ހާމަކޮށްފައިވެ އެވެ. ރިޕޯޓްކުރާ ޙާލަތްތަކުގައި ވެސް އިންސާފުލިބެނީ ވަރަށް މަދު އަންހެނަކަށްކަން ވެސް މިފިލްމުން ހާމަވެގެންދާ ކަމަށްވެ އެވެ.
އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ ވަނީ މިފިލްމު ބެއްލެވުމަށް ފަހު އެމެރިކާގެ ސިފައިންގެ މުއައްސަސާގައި ޖިންސީ ގޯނާކުރުން ހައްދުފަހަނަޅައިފައިވާ ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. ޕެންޓަގަންގެ ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ސިފައިންގެ ތެރޭގައި ޖިންސީ ގޯނާކުރާ ކަމަށް ރިޕޯޓްކުރެވެނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 20،000 ޙާލަތެވެ. މީގެތެރެއިން މައްސަލަބެލުމަށް ފަހު ކޯޓަށް ފޮނުވެނީ އެންމެ 3،000 ހާޙާލަތެވެ. އަދި ކުށްވެރިވާ ކަމަށް ކޯޓުން ޙުކުމް އިއްވާ ހިސާބަށްދަނީ އަހަރެއްގެ މައްޗަށް އެންމެ 200 ޙާލަތުގެ މައްޗަށް ކަމަށް ވެސް ޕެންޓަގަން އިން ބުނެ އެވެ. ޖިންސީ ގޯނާކުރާމީހުންނާއި ރޭޕްކުރާ ގިނަ މީހުންގެ ތެރެއިން 95 ޕަސެންޓް މީހުން ކުށުންބަރީއަވެ، އެ މީހުންނަށް އަދަބު ނުލިބޭ ކަމަށް ވެސް ޕެންޓަގަންގެ ރިޕޯޓްތަކުގައި އެއްބަސްވެފައިވެ އެވެ.
އަހަރެއްގެ ތެރޭގައި އެމެރިކާ ސިފައިންގެ ތެރޭގައި ލައްކައެއްހާ އަންހެނުން ޖިންސީ ގީނާގެ ޝިކާރައަކަށް ވާކަމަށާއި މީގެތެރެއިން ދެބައިކުޅަ އެއްބައި ޙާލަތްތަކަކީ ރޭޕްކުރުމުގެ ޙާލަތްތައްކަމަށް އެމެރިކާގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތައް ބުނެ އެވެ. ޖިންސީ ގޯނާ ކުރެވޭ އަންހެނުންގެ ތެރެއިން ގިނަމީހުން އެކަން ރިޕޯޓް ނުކުރަނީ އިންސާފުނުލިބޭނެ ކަމަށް އެމީހުންނަށް ކަށަވަރުވާތީ އާއި އަދި އެފަދަ ޙާލަތްތައް ރިޕޯޓްކޮށްފި ނަމަ ކުރިމަތިވާ ދުއްތުރާ ތަކުގެ ސަބަބުންނާއި ލަދުވެތިކަމުގެ ސަބަބުން ކަމަށް އެމެރިކާގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތައް ބުނެ އެވެ. ޖިންސީ ގޯނާކުރާކަމުގެ ޝަކުވާ އުފުލާ އަންހެނުންގެ ތެރެއިން ބައެއް މީހުން އެމެރިކާ ސިފައިން ހަނގުރާމައިގެ މައިދާންތަކުގައި ގޮތްނޭނގޭ ގޮތަށް މަރާލެވޭ ކަމަށް ވެސް މިޖަމާއަތްތަކުން ބުނެ އެވެ. (ނޫސްއެޖެންސީތައް)