ލަންޑަން (ނޮވެމްބަރ 17): އިސްރާއީލުން ޣައްޒާ އަށް ދެމުންގެންދާ ޢުދުވާނާއި މީހުން މެރުމުގެ ޢަމަލުތައް ކުށްވެރިކުރުމުގެ ބަދަލުގައި އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކުން އެޢަމަލުތައް ދިފާޢުކުރަމުންގެންދާތީ އިންސާނީ ޙައްޤުތަކާ ބެހޭ އަރަބި ޖަމްޢިއްޔާ "އަރަބް އޮގަނައިޒޭޝަން ފޯ ހިޔުމަންރައިސްޓް" އިން ހުޅަނގުގެ ސަރުކާރުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

އެ ޖަމްޢިއްޔާ އިން ނެރުނު ބަޔާނެއްގައި އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކަކީ އިންސާނީ ޙައްޤުތަކުގައި ދެމިންގަނޑެއް ގެންގުޅޭ ދެފުށް ދެގޮތް ޤައުމުތަކެއް ކަމަށް ސިފަކޮށްފައިވެ އެވެ. އަދި އިސްރާއީލުން ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް، އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކުން ދުވަހަކު ވެސް ކުށްވެރިކޮށްފައިނުވާ ކަަމަށާއި އޭގެ ބަދަލުގައި އެޤައުމުތަކުން އަބަދުވެސް ކުށްވެރިކުރަމުން ގެންދަނީ އަނިޔާލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލުގެ އިސްތިޢްމާރުން މިނިވަންވުމަށް ޖިހާދުުކުރަމުންދާ ފަލަސްތީނުގެ ޖަމާޢަތްތައް ކަމަށް ވެސް "އަރަބް އޮގަނައިޒޭޝަން ފޯ ހިޔުމަންރައިސްޓް" އިން ބުނެފައިވެ އެވެ.

މިބަޔާނުގައި އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކަކީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް ސިޔާސީ އައްޑަނައަކަށް ހަދައިގެން އެޤައުމުތަކުގެ އަމިއްލަ މަސްލަޙަތާއި އިސްރާއީލުގެ މަސްލަޙަތުތައް ހިމާޔަތްކޮށް އިސްރާއީލުގެ ކޮޅަށްޖެހި ހުސްވެފައިވާ ޤައުމުތަކެއް ކަމަށް ސިފަކޮށްފައިވެ އެވެ. ޣައްޒާ އަށް އިސްރާއީލު ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި ފަލަސްތީނުގެ 19 މީހަކު ޝަހީދުކޮށް 250 އެއްހާ މީހުން ޒަޚަމްކޮށްލާފައިވާ އިރު އިސްރާއީލުގެ ޙަމަލާތައް ހުއްޓުވުމަށް ގޮވާލައި ޤަރާރެއް ފާސްކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން މަސައްކަތްކުރުމުން އެމެރިކާ އިސްވެއޮވެގެން އެކަމަށްވަނީ ހުރަސްއަޅާފަ އެެވެ. އަދި ޔޫރަޕްގެ ކޮންމެ ޤައުމަކުން ވެސް އިސްރާއީލުގެ ޢުދުވާން ކުށްވެރިކުރުމުގެ ބަދަލުގައި ކުށްވެރިކޮށްފައި ވަނީ އިސްރާއީލުގެ އިސްތިއްމާރާ ދެކޮޅަށް ފަލަސްތީނުގެ ޖަމާއަތްތަކުން އަމިއްލަ ނަފްސުގެ ދިފާޢުގައި ދެމުންގެންދާ ޙަމަލާތަކެވެ.

"އަރަބް އޮގަނައިޒޭޝަން ފޯރ ހިޔުމަންރައިސްޓް" އިން ބުނެފައިވެ އެވެ. އިސްރާއީލުން ޣައްޒާ އަށް ދެމުންގެންދާ މީހުން މެރުމުގެ ޙަމަލާތައް ހުޅަނގުން ދިފާޢުކުރުމަކީ ކަތިލެވޭމީހާ އޭނާގެ މަރުގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ހުޅަނގުން ޤަބޫލުކުރުން ކަމަށް ވެސް "އަރަބް އޮގަނައިޒޭޝަން ފޯ ހިޔުމަންރައިސްޓް" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ރޮކެޓް ޙަމަލާދޭ އިރު މިޙަމަލާދޭން ޖެހޭ ސަބަބު ކަމަށްވާ އިސްރާއީލުން ފަލަސްތީނުގެ ބިންތައްހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭ އުޅުމަށް ހުޅަނގުން ލޯމަރާލާފައިވާ ކަމަށް ވެސް "އަރަބް އޮގަނައިޒޭޝަން ފޯރ ހިޔުމަންރައިސްޓް"ގެ ބަޔާނުގައިވެ އެވެ. (އަލްޖަޒީރާ)