ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމުގައިވާ ހާމިދު އަބްދުލް ޣަފޫރާއި އަބްދުﷲ ޖާބިރުގެ ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމުން، އެ ދެ ބޭފުޅުން ވެސް ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރައްވާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް އެހެން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރޭ ފޮނުއްވެވި ސިޓީއެއްގަ އެވެ. ރޭ ބޭއްވި އިމްތިޔާޒް ކޮމެޓީގެ ކުއްލި ބައްދަލުވުމުގައި ވަނީ އެ ސިޓީ އިއްވާފަ އެވެ.

ސިޓީގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޖާބިރާއި ހާމިދު ހައްޔަރު ކުރީ ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަ އެއްގައި ކުށުގެ ވެށިން ކަމަށާއި އެ ކުށާއި ގުޅުންހުރި ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

ބަނގުރާ ބުއި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކުޑަކަމުދާ އެއްޗެހި ދިނުމަށް ހާމިދާއި ޖާބިރު އިންކާރު ކުރެއްވިއިރު، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނަނީ ފުލުހުން އަންގައިގެން ކުޑަކަމުދާތަކެތި ނުދިން މީހެއްގެ އަދަބަކީ އެއް އަހަރަށް ޖަލަށްލުމެވެ. އެ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިގެން މީހެއްގެ ކުޑަކަމުދާ އެއްޗިހި ޓެސްޓް ކުރުމަށް އެ ގާނޫނުގެ 161 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރުކުރާ މީހާ އެކުރަނީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގައި (ރ)ގައި ބުނެފައި ވާތީ ރިޔާޒްގެ ސިޓީގައި އެއަށް ރައްދުދެއްވާފައިވެ އެވެ.

ސީޓީގައި ވިދާޅުވެފައި ވަނީ ކުށުގެ ވެށިން އެ މީހަކު ހައްޔަރު ކުރުމަކީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާއިން ގާނޫނު ތަންފީޒު ކުރާ ފަރާތައް ލިބިދީފައިވާ ބާރަކަށް ވީހިނދު، ޖިނާއީ ކުށެއް ހިންގަމުން ދަނިކޮށް ކުށުގެ ވެށިން އަދި ކިތަންމެ ނުރައްކާތެރި ޖިނާއީ އަމަލެއް ހިންގަނިކޮށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ނުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އޮތުމަކީ ފުލުހުން ކުރަންޖެހޭ މަސައްކަތްތައް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރުމަށް ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ.

ހާމިދާއި ޖާބިރު ފުލުހުންގެ ބަންދުން ދޫކޮށްލުމަކީ ގާނޫނޫ ނެގެހެއްޓުމަށްޓަކައި ހިފަހައްޓަންޖެހޭ އިންސާފުވެރިކަމާއި ހަމަހަމަކަމުގެ އުސޫލާ ހިލާފު ކަމެއް ކަމަށް ފެންނާތީ އެކަމުގައި ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިޒްގެ ލަފާފުޅަކަށް އެދުނު ކަމަށް ރިޔާޒްގެ ސިޓީގައި ބުނެފައިވެ އެވެ. އަދި މުއިޒް ލަފާފުޅު ދެއްވާފައި ވަނީ އެ ދެމެންބަރުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށް ކޯޓުން ނިންމާ ގޮތަކަށް އަމަލު ކުރުމަށް ކަމަށެވެ.

މަޖިލީހުގެ ރައީސް އަށް އެ ސިޓީ ފޮނުވާފައި ވަނީ ހާމިދާއި ޖާބިރު ކޯޓަށް ހާޒިރުކޮށް ބަންދުން ދޫކޮށްލުމުގެ ކުރިންނެވެ.

މަޖިލީހުގެ ކައުންސިލާ ޖެނަރަލް ފާތިމަތު ފިލްޒާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މަޖިލީހުގެ ގަވާއިދަކީ ގާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ކަމަށެވެ. އަދި އެ ގަވާއިދަށް ރިޔާއަތްކޮށް ސުޕްރީމް ކޯޓުން ވެސް ތިން ފަހަރަށް ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

ޖާބިރުގެ އަނބިކަނބަލުން އަދި ހިއުމަން ރައިޓްސް މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވީ ރާ ބުއި ކަމަށް އިސްލާމީ ޝަރީއަތުގައި ސާބިތު ކުރެވޭނީ ހަތަރު ހެކިވެރިންގެ ހެކިބަސް ދީގެން ކަމަށެވެ. ޖާބިރު ރާ ބުއި ކަމަށް ބުނާ މައްސަލާގައި ހަތަރު މީހަކު ހެކިބަސް ދޭން ހުރިނަމަ، ޖާބިރު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"ހެކިވެރިންނަށް ފެނުނީމަ އެނިމުކީ. ދެން އިތުރަށް ބަންދު ކޮންޓިނިއުކޮށްގެން ކުރިއަށް ގެންދާކަން ނުޖެހޭ. ބަންދު ކޮންޓިނިއުކޮށްގެން ކުރިއަށް ގެންދާ ކަމުގައި ވަނީ ވިއްޔާ އެއީ އިތުރު މަގުސަދެއް އޮތީ ކަމަށް ބަލަން އެބަޖެހޭ. ދެން އެކަން އަޅުގަނޑު ގުޅުވަން ބޭނުންވަނީ މަޖިލީހުގައި ނަގާ ވޯޓާ،" ދިޔާނާ ވިދާޅުވި އެވެ.