17 Nov 2012, 10:12
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ސަބަބާ މެދު ރައީސުލްޖުމްހޫރިއްޔާ ސުވާލު އުފައްދަވާފައިވާ ކަމަށް ޖާބިރުގެ އަނބިކަނބަލުން އަދި ހިއުމަން ރައިޓްސް މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވެވި އިމްތިޔާޒް ކޮމެޓީގެ ކުއްލި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ދިޔާނާ ވިދާޅުވީ ރައީސް ފޮނުއްވެވި މެސެޖެއްގައި ޖާބިރާއި ހާމިދު ފުލުހުން ހައްޔަރު ކުރީ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅުވައިގެން އެމަނިކުފާނާ މެދު ރުޅިވެރިކަން އުފެއްދުމަށް ކުރި ކަމަކަށް ވެދާނެ ކަމަށެވެ. އަދި ދެ މެންބަރުން ފުލުހުން ހައްޔަރު ކުރީ "އެހެން މޯޓިވޭޝަނަކަށް" ހިނގައި ދިޔަ ކަމެއް ކަމަށް ރައީސް ވަހީދު ފޮނުއްވެވި މެސެޖްގައި ވިދާޅުވި ކަމަށް ދިޔާނާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް ފޮނުއްވެވި މެސެޖެއްގައި ތުހުމަތު ކުރައްވާ މިކަން މިއީ އެހެން މޯޓިވޭޝަނަކަށް ހިނގައިދިޔަ ކަމެއް ކަމަށް. ހަމަ ސީދާ އެކަނިކުފާނުގެ ތުހުމަތު 'ކަނެކްޓް' ކުރައްވާ ހޯމަ ދުވަހު މިއޮތް އިތުބާރު ނެތް ކަމުގެ ވޯޓާ... އަދި ހަމަ އެހެންމެ އެ އެސްއެމްއެސްގައި ވިދާޅުވެފައި އެބައޮތް ހޯމަ ދުވަހު މިއޮތް ސިއްރު ވޯޓްގެ އިޝޫއާ ގުޅިގެން ތިމަންނާ ދެކެ ރުޅިއަރުވަން ބަޔަކުކޮށްގެން އުޅޭ ކަމެއް ކަމުގައި ބެލުމުގެ ޕޮޒިބިލިޓީ ވެސް އެބަ އޮތޭ،" ދިޔާނާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ފުލުހުން އަމަލު ކުރާ ގޮތާމެދު ރައީސުލްޖުމްހޫރިއްޔާ ސުވާލު އުފެއްދެވުމަކީ ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ކަމަށާއި އެ މައްސަލަ މަޖިލީހުން ބަލަންޖެހޭނެ ކަމަށެވެ. އަދި މަޖިލީހުން އެކަން ބަލަން ބޭނުން ނަމަ ފޯނު ގެންނަވައިގެން ނަމަވެސް އެ މެސެޖް މަޖިލީހުގެ މެންބަރުންނަށް ދައްކަވަން ބޭނުންފުޅުވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.
ދިޔާނާ ވިދާޅުވީ ޖާބިރު ހައްޔަރު ކުރުމަށް ވުރެ އެންމެ ބޮޑު މައްސަލައަކަށް ވަނީ މަޖިލީހުގެ ގަވާއިދަށް ބެލުމެއްނެތި މަޖިލީހުގެ މެންބަރުން ހައްޔަރު ކުރަމުން ގެންދިއުން ކަމަށެވެ. އަދި އެ ގަވާއިދަކީ ގާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ކަމަށާއި ސުޕްރީމް ކޯޓުން ވެސް އެތައް ފަހަރަކު އެ ގަވާއިދު އަޕްހޯލްޑް ކުރައްވާފައިވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.
ހާމިދާއި ޖާބިރާއެކު ހދ. ހޯނޑައިދޫގައި ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ރައީސް ނަޝީދުގެ ސަރުކާރުގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ (ނޢޢވ)ގެ ލަގަބު ދެއްވާފައިވާ އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ހުސައިން ޒަކީ އާއި ކުރީގެ ސަރުކާރުގެ ރައީސް އޮފީހުގެ ޕްރެސް ސެކަރެޓަރީ މުހައްމަދު ޒުހައިރެ އެވެ. އަދި ޒުހައިރުގެ އަނބިކަބަލުން މަރިޔަމް ފާއިޒާއި ޒަކީގެ ދަރިކަލުން ހަމްދާން ޒަކީގެ އިތުރުން ހަތަރު މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް ޒަކީގެ ދަރިކަލުންގެ އިތުރުން އެހެން މީހަކު ފިޔަވަޅު ދެންތިއްބެވި ހުރިހާ މީހުން ދޫކޮށްލުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.
މަޖިލީހުގެ މެންބަރުން ހައްޔަރު ކުރި މައްސަލާގައި މަޖިލީހުގެ ރައީސް ވަނީ އެ ދެ މެންބަރުން ދޫކޮށްލުމަށް ފުލުހުންނަށް އަންގާފަ އެވެ. އެއީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ)ގެ ދަށުންނެވެ.
ނަމަވެސް ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބުނަނީ ހައްޔަރު ކުރާ މީހާއަށް ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކަށް ކުށެއް ކޮށްފިކަމަށް ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ގަބޫލު ކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެ އެވެ.