މަތީ ތައުލީމު ލިބޭނެ ގޮތެއް ނެތޭ، ރާއްޖޭގައި ޔުނިވަސިޓީއެއް ނެތޭ، ކިޔަވަން ދާން ޖެހެނީ ރާއްޖޭން ބޭރަށޭ ، މިއީ ކުރިން އަބަދު އިވޭ އަޑުތަކެކެވެ. ނަމަވެސް މިހާރު ރާއްޖޭގައި ދިވެހިންގެ އަމިއްލަ ޔުނިވަސިޓީއެއް އެބަ ހުއްޓެވެ. އެ ޔުނިވަސިޓީގެ ފެންވަރާ މެދު ސުވާލު ނޫފެއްދޭނެ ކަމަށް ޔުނިވަސިޓީގެ އިސްވެރިން ވިދާޅުވެއެވެ.

" އަޅުގަނޑުމެންނަށް ޔަގީންކަން އޮވޭ އަޅުގަނޑުމެންގެ ޕްރޮގްރާމްތަކަކީ ( ކޯސްތަކަކީ) އިންޓަނޭޝަނަލް ބެންޗްމާކް ކުރެވިފައި ( ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރު ހުރިކަން ކަށަވަރު ކުރެވިފައިވާ) ޕްރޮގްރާމްތައް ، އެކަން ކަށަވަރު ކުރެވެނީ ކިހިނެތް؟ ، އެއްކަމަކީ، ޔުނިވަސިޓީތަކުން އައިސް އަޅުގަނޑުމެންނަށް ލިޔެދޭ ރިޕޯޓްތަކުގައި އަޅުގަނޑުމެން ހިންގާ ޕްރޮގްރާމްތައް ހިންގާ ފެންވަރަކީ އެމީހުންގެ ޔުނިވަސިޓީތަކުގައި ވެސް ހިންގާ ފެންވަރު ކަމަށް ލިޔެފައި ހުރުން، " ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ހުސައިން ހަލީމު ވިދާޅުވިއެވެ.

ހަލީމު ވިދާޅުވީ ޔުނިވަސިޓީގެ ކޯސްތަކުގެ ފެންވަރާ މެދު ސުވާލު ނޫފެދޭ އަނެއް ކަމަކީ އެކޯސްތައް ނިންމާފައި ބޭރުގެ ޔުނިވަސިޓީއަކަށް ދާ ކުދިންނަށް އެއްވެސް ދައްޗެއް ނެތި ޖާގަ ލިބުމެވެ.
ރާއްޖޭގައި އުމުރުން ހަގު ނަމަވެސް މިފަދަ ޔުނިވަސިޓީއެއް ހުރި އިރު، އަދި ޔުނިވަސިޓީއަކަށް ވުމަށް ކުރީގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަން ކުރި ދަތުރުގައި ވެސް ފެންވަރު މިގޮތުގައި ހިފެހެއްޓިފައި ވީ އިރު ރާއްޖެ ހިމެނެނީ މަތީ ތައުލީމު ހޯދާ ކުދިންގެ ޕަސެންޓޭޖް އެންމެ ދަށް ގައުމުތަކުގެ ތެރޭގަ އެވެ. ދެކުނު އޭޝިއާ ސަރަހައްދުން ވެސް ރާއްޖެ އޮތީ އެކަމުގައި އެންމެ ފުލުގަ އެވެ.

ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން އައްޝައިޚު ފައްޔާޒު އަލީ ވިދާޅުވީ މަދުރަސީ ތައުލީމު ނިންމާ ކުދިންގެ ތެރެއިން މަތީ ތައުލީމަށް ދަނީ އެންމެ ތިން ޕަސެންޓް ކުދިން ކަމަށެވެ.
އޭގެ މާނައަކީ ރާއްޖޭގެ ސްކޫލްތަކުން ކޮންމެ އަހަރަކު ނުކުންނަ ގާތްގަނޑަކަށް 10،000 ކުދިންގެ ތެރެއިން 97 ޕަސެންޓް ކުދިން މަތީ ތައުލީމު ހާސިލު ނުކޮށް، ކޮންމެވެސް އެހެން ދިމާއަކަށް ދިއުމެވެ.
އެކަން އެހެން ދިމާވަނީ ކީއްވެތޯ ވިސްނާ އިރު ރާއްޖޭގައި ކިޔަވާ ކުދިންގެ ފެންވަރު ދަށްވުން އެއީ އެކަމުގެ ސަބަބެއް ކަމަށް ތައުލީމީ ދާއިރާގެ މާހިރުން ދެކެވަޑައިގަންނަވައެވެ.

ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ފާހަގަ ކުރެއްވީ ބައެއް ރަށްރަށުގެ ސްކޫލްތަކުން 90 ކުދިން ޖީސީއީ އޯލެވެލް އަށް ކިޔަވާ ރަށެއްގައި، ކޮލިފައިވާނެ ކުދިން ނެތިގެން އޭ ލެވެލްއަށް ކޮލިފައި ވާނެ ކުދިން ނުތިބޭ ރަށްރަށް ވެސް ރާއްޖޭގައި ތިބި ކަމެވެ.

" މިއަދު މިނިސްޓަރު ހަމަ ދެންމެ ވިދާޅުވީ 90 ކުދިން އޯލެވެލްއަށް ކިޔަވާ ރަށެއްގައި އޭލެވެލްއަށް އަންނާނެ ހަމަ އެއްވެސް ކުށްޖަކު ނެތޭ، ކިހިނެތްވީތޯއޭ ދެންނެވީމާ ( ވިދާޅުވީ) އޭލެވެލްއަށް ކޮލިފައިވާނެ ކުއްޖަކުނެތޭ، " ގައުމީ ޔުނިވަސިޓީގެ ޕީއެޗްޑީ ކޯސްތައް އިއުލާން ކުރުމުގެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ޒާހިރު ވިދާޅުވިއެވެ.

ޑރ. ޒާހިރު ދެކެވަޑައިގަންނަވާ ގޮތުގައި އެކަމުގެ އެއް ސަބަބަކީ އޮޓަމެޓިކް ޕްރޮމޯޝަނެވެ. އެއީ ތައުލީމީ ކަންތައްތައް " ސިޔާސަ ވީމާ" ވާ ގޮތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެންވަރު ހުރި ކުދިން ނުލިބޭތީ ފައުންޑޭޝަން ކޯސްތައް ހިންގަން ޖެހޭ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

" ... މިއީ މައްސަލައަކީ، އޮޓަމެޓިކް ޕްރޮމޯޝަން، އޭލެވެލަށް ކޮލިފައިޑްވާ ބައެއް ނެތް،" ޑރ. ޒާހިރު ވިދާޅުވިއެވެ.

ޑރ. ޒާހިރު އެވިދާޅުވި ސަބަބުގެ އިތުރުން ވެސް އެތައް ސަބަބެއް ބެލެނިވެރިން ފާހަގަކުރެއެވެ. އާމްދަނީ މަދުވުމާއި ދިރިއުޅުމުގެ ފެންވަރު ދަށްވުމެވެ. ރަނގަޅު ނަތީޖާއަކާ އެކު ސްކޫލުން ނުކުންނަ އެތައް ދަރިވަރުންނެއް މާލީ ދަތި ކަމުގެ ސަބަބުން މަތީ ތައުލީމުގެ މަތިން ހަނދާން ނައްތާލަން މަޖުބޫރުވާކަން ވެސް މިއީ ދިވެހި މުޖުތަމައުގެ ހަގީގަތެކެވެ.