ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޮވަން އޭނާގެ ވޯޓުދޭނީ ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކަމަށް ބްރެޒިލްގެ ކުރީގެ ވާތު ބެކް ރޮބާޓޯ ކާލޮސް ބުނެފި އެވެ.

އޭނާ މިހެން ބުނީ ބްރެޒިލްގެ ރޮނާލްޑޯ ވޯޓުދޭނީ ރެއާލްއާ ވާދަވެރި ބާސެލޯނާގެ ލަޔޮނަލް މެސީ އަށް ކަމަށް ބުނިތާ ހަފުތާއެއް ފަހުންނެވެ.

ކާލޮސް އަކީ ރެއާލް މެޑުގައި 10 އަހަރު ހޭދަ ކުރި ކުޅުންތެރިއެކެވެ. މިއާ ހިލާފަށް ރޮނާލްޑޯ އަކީ ރެއާލް އާއި ބާސެލޯނާ އަަށް ވެސް މޮޅަށް ކުޅުނު ފޯވަޑެކެވެ.

"އެންމެން ވެސް ބުނަނީ މެެސީގެ ވާހަކަ. އެކަމަކު އަހަންނަށް ހީވަނީ އޭނާ އަށް މިހާރު ދެން (މޮޅު ކުޅުންތެރިޔާގެ އެވޯޑް) ފުދޭވަރަށް ލިބިއްޖެހެން. ދެން އޭނާގެ ޓްރޮފީ ކެބިނެޓުން އިތުރު ޓްރޮފީއަކަށް ޖާގައެއް ނެތް. މިހެންވީމަ އަހަރެންގެ ވޯޓު ދޭނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް. އޭނާ އަކީ ވަރަށް ގިނަ ގޮތްގޮތުން މެޗުތައް ކާމިޔާބުކޮށްދޭ ކުޅުންތެރިއެއް. ތަފާތު ސިޓުއޭޝަންތަކުގައި މެޗުތަކުން މޮޅުކޮށްދީފައިވޭ. އޭނާ އަށް އެވޯޑް ހައްގު،" 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ކުޅުންތެރިޔާ ބުންޏެވެ.

އޭނާ ބުނީ އެންމެ މޮޅު ކޯޗު ހޮވަން ވޯޓުދޭނީ ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ކަމަށެވެ. އެއީ ބާސެލޯނާގެ ކޯޗުކަމުން ޕެޕް ގާޑިއޯލާ ވަކިވެފައިވާތީ ކަމަށެވެ.

ކާލޮސް ވަނީ އޭނާގެ ޑްރީމް ޓީމު ވެސް ހޮވައިފަ އެވެ. އެއީ

ގޯލް ކީޕަރު އިކާ ކަސިޔާސް (ރެއާލް މެޑްރިޑް، ސްޕޭން)

ޑިފެންޑަރުން: ޑެނީ އަލްވެޒް (ބާސެލޯނާ، ބްރެޒިލް)، ތިއާގޯ ސިލްވާ (ޕީއެސްޖީ، ބްރެޒިލް)، މާސެލޯ (ރެއާލް މެޑްރިޑް، ބްރެޒިލް)

މިޑްފީލްޑަރުން: ޒަވީ (ބާސެލޯނާ ، ސްޕޭން)، ފްރޭންކް ރިބެރީ (ބަޔާން، ފްރާންސް)، ރޮބިން ވޭންޕާސީ (މެންޗެސްޓާ ޔުނައިޓެޑް، ހޮލެންޑް) އަދި އަންދްރޭސް އިނިއެސްޓާ (ބާސެލޯނާ، ސްޕޭން)

ފޯވަޑުން: މެސީ (ބާސެލޯނާ، އާޖެންޓީނާ)، ނޭމާ (ސަންޓޯސް، ބްރެޒިލް) އަދި ރޮނާލްޑޯ (ރެއާލް، ޕޯޗުގަލް) އެވެ.