ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ފުލުހުން ހައްޔަރު ކުރީ ޣައިރު ގާނޫނީ އަމުރަކުން ކަމަށް ކަނޑައަޅައި، ފުލުހުންގެ މައްޗަށް އެފަދަ ޣައިރު ގާނޫނީ އަމުރެކޮށްފައި ވާތީ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިޒްއަށް ހުށަހެޅުމަށް އިމްތިޔާޒް ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.

މިރޭ ބޭއްވި އިމްތިޔާޒް ކޮމެޓީގެ ކުއްލި ބައްދަލުވުމުމަށް އެ ހުށެހެޅުން ހުށަހަޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ރިޒާ އެވެ. އެ ހުށަހެޅުއްވުމުގައި ރިޒާ ވިދާޅުވީ ޣައިރު ގާނޫނީ ގޮތެއްގައި ޖާބިރާއި ހާމިދު ހައްޔަރު ކުރުމުން އެ ދެ މެންބަރުން ދޫކޮށްލުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވެވި އަމުރަށް ތަބާނުވެ، ގާނޫނުތަކުގެ ބާރު ކަނޑުވާލުމަށް ޕޮލިސް ކޮމިޝަނަރު މަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެންމެ އިސްމަގާމުގައި ހުންނަވައިގެން އެފަދަ ޣައިރު ގާނޫނީ އަމުރެއްކޮށްފައި ވާތީ އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް އެ މައްސަލަ ފޮނުވުމަށް ހުށަހަޅާ ކަމަށެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) އެވެ.

އެ ހުށަހެޅުއްވުން ފާސްވީ ކޮމެޓީގެ އިއްތިފާގުންނެވެ. ކޮމެޓީއަށް އެ ހުށަހެޅުއްވުން ހުށަހެޅިއިރު ކޮމެޓީގައި ހާޒިރުވެތިއްބެވީ އެމްޑީޕީގެ ހަތަރު މެންބަރުންނެވެ. މިރޭގެ ބައްދަލުވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކު އަދި ޖުމްހޫރީ ޕާޓީގެ މެންބަރަކު ވެސް ވަޑައިނުގަންނަވަ އެވެ.

މިރޭ ބޭއްވި އިމްތިޔާޒް ކޮމެޓީއަށް ޖާބިރުގެ އަނބިކަނބަލުން އަދި ހިއުމަން ރައިޓްސް މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު ވެސް ވަޑައިގެންނެވި އެވެ. ކޮމެޓީގެ މެންބަރުންގެ ހުށަހެޅުއްވުމުގެ މަތިން ކޮމެޓީއަށް މައުލޫމާތު ދެއްވަމުން ދިޔާނާ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ހދ. ހޮނޑައިދޫ ބީޗުގައި ޖާބިރު ހުންނަވަނިކޮށް، ފުލުހުން އެރަށަށް އަރައި ޖާބިރު ބީޗުމައްޗަށް ވައްޓާލައި އަނިޔާ ކުރި ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން އެކިވަރުގެ ހާނިކަކޮށްފައިވާ ކަމަށެވެ. ފުލުހުން އަނިޔާ ދިނުމުން ޖާބިރުގެ ހަށިގަނޑުގެ ބައެއް ތަންތަން "ކަނޑައިގެން" ގޮސް، ބައެއް ތަންތަން ދުޅަވެފައިވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"ޖާބިރާ ވާހަކަދެއްކެވި އާއިލާގެ މެންބަރުން ބުނީ [ފުލުހުން] ކަނޑުމަތިން އަރައި ބީޗު މަތީގައި [ޖާބިރު] ހިނގަމުންދަނިކޮށް ފުރަގަހުން އަރައި ބޮލުގައި ޖަހައި، ބީޗުމައްޗަށް ވައްޓާލައި ދަމަމުން ގެންދިޔަ ކަމަށް. އެހެންކަމުން ގައިގެ އެތަން މިތަނުން ކެނޑި އަނިޔާ ލިބިފައި ހުރި ކަމަށް،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ކޮމެޓީއަށް އެމައުލޫމާތުތައް ދެއްވުމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވީ ޖާބިރަށް އަނިޔާކުރި މައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެ މައްސަލަ ބެލުމަށް ހުށަހެޅުމަށެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ މުހައްމަދު ރަޝީދު (ކުބޭ) އެވެ.

އެ ހުށަހެޅުއްވުން ފާސްވީވެސް ކޮމެޓީގެ އިއްތިފާގުންނެވެ. މިރޭގެ ބައްދަލުވުން ފެށި ވަގުތު ކޮމެޓީއަށް ވަޑައިގެންނެވި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޔޫސުފް ނައީމް ފަހުން ކޮމެޓީއަށް ވަޑައެއް ނުގަންނަވަ އެވެ.

މަޖިލީހުގެ ރައީސްގެ އެންގެވުމުގެ މަތިން މިރޭ 8:30 ގައި ފެށި އިމްތިޔާޒް ކޮމެޓީގެ ބައްދަލުވުން ދޭތެރެ ދޭތެރެއިން މެދުކަނޑާލައި ކުރިއަށް ގެންދިއުމަށްފަހު ކޮމެޓީ ނިންމާލީ މިރޭ މެންދަމު 1:05ގަ އެވެ. ކޮމެޓީގެ މިރޭގެ ބައްދަލުވުމަށް ގާނޫނީ ލަފާ ދެއްވުމަށްޓަކައި ކައުންސިލް ޖެނަރަލް ފާތުމަތު ފިލްޒާ ވެސް ވަޑައިގެންނެވި އެވެ.