Last Updated: 1 decade 3 year ago
ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޖާބިރާއި ހާމިދު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ނުލިބުމުން އެ ދެ ބޭފުޅުންވެސް ފުލުހުންގެ ހައްޔަރުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ހުސެން ޒަކީ ފިޔަވައި ދެން ތިބި މީހުންވެސް މިހާރު ވަނީ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ މައްސަލައިގައި ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ މުއްދަތު ޖެހުމުގެ މައްސަލަތައްވެސް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.
ބަނގުރަލާއި އެކު ޖާބިރާއި ހާމިދާއި އަދިވެސް އިތުރު ސިޔާސީ ފަރާތްތައް ހައްޔަރުކޮށްފައިވަނީ ޖާބިރުގެ ޔޮޓް ޓްއާޒްއިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހދ. ހޮނޑައިދޫންއިން ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރާއި އޭނާގެ އަނބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒް އާއި ސ. ހުޅުދޫ، ރީފްސައިޑް ޖާދުﷲ ޖަމީލް އާއި، ގ. ހިލިހިލާގެ ޙަމްދާން ޒަކީގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުންކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސުހައިލް ރަނާ އެވެ.
ދެ މެންބަރުން ކޯޓުން މިރޭ ދޫކޮށްލިއިރު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުލުހުންނަށް މިއަދު އަންގަވާފައި ވަނީ ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 220 ވަނަ މާއްދާގެ (ރ)ގެ ދަށުން މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލަ ހިނގަމުން ދަނިކޮށް މަޖިލީހުގެ މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ހައްޔަރު ކުރި ޖާދުﷲ އާއި ޒަކީ ފިޔަވައި ދެން ތިބި އެންމެން ދޫކޮށްލުމަށް ކުރި އަމުރާއެކު މިހާރު އެ މީހުން ދޫކޮށްލާފައިވާކަމަށެވެ. އަދި ވިދާޅުވީ ބަލި ހާލަތު ހުރިގޮތުން ރައީސް ނަޝީދުގެ ކުރީގެ އެޑްވައިޒަރު އިބްރާހިމް ހުސެއިން ޒަކީ ކޯޓަށް ހާޒިރުކޮށްފައި ނުވާ ކަމަށާއި ނަމަވެސް މިހާރު އޭނާވެސް ދޫކޮށްލާފައިވާ ކަމަށެވެ.
"މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ އެންމެ ދެ މީހުން. އެއީ ސ. ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލާއި ގ. ހިލިހިލާގެ ހަމްދާން ޒަކީ. އެހެން އެންމެން މިހާރު ވަނީ ދޫކޮށްލާފައި،" ހަނީފް ވިދާޅުވި އެވެ.
ބަންދުގައި ބަހައްޓާނެ ތަނެއްނެތްކަމަށް ކުޅުދުއްފުށީ ކޯޓުން އަމުރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މއ. މަނާގެ މުހައްމަދު ޒުހެއިރު އާއި އޭނާގެ އަބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒް ގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުންކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސުހައިލް ރަނާ އެވެ.
މަޖިލީހުގެ އިދާރާއަށް ފުލުހުން ފޮނުވި ސިޓީގައި ބުނަނީ ހާމިދާއި ޖާބިރާ ދެބޭފުޅުންގެ ގާތު ފުލުހުންގެ އޮފިސަރަކު ޔޫރިން ދިނުމަށް އެދުމުން އެ ދެބޭފުޅުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އަމުރަށް ނުކިމަންތެރިވި ކަމުގެ ތުހުމަތުގައި މީގެ ކުރިން ހާމިދު ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުންގެ އޮފިސަރަކު އެދުމުން އެދުވަހު ވެސް އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެކަމާ ގުޅިގެން ހާމިދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ފޮނުވާފަ އެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިގެން މީހެއްގެ ކުޑަކަމުދާ އެއްޗިހި ޓެސްޓް ކުރުމަށް އެ ގާނޫނުގެ 161 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރުކުރާ މީހާ އެކުރަނީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުން ކަމަށެވެ.