ހދ. ހޮނޑައިދޫގައި ބަނގުރާ ބޮމުން ދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މަޖިލީހުގެ ދެ މެންބަރަކާއި ސިޔާސީ އިސްފަރާތްތަކުގެ މުއްދަތު ޖަހަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ފުލުހުން މިރޭ އެބޭފުޅުން ހާޒިރުކޮށްފި އެވެ.

މުއްދަތު ޖަހަން ގެންދިޔަ މީހުންގެ ތެރޭގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ހިމެނޭކަމަށް ސަންގެ އެސޯސިއޭޓް ޕާޓްނާ ކުޅުދުއްފުށީ އޮންލައިން ގެ ނޫސްވެރިޔާ ބުންޏެވެ. އެ މައްސަލައިގައި ހައްޔަރު އިބްރާހިމް ހުސެން ޒަކީ ފިޔަވައި އެހެން ބޭފުޅުން ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ފުލުހުން ބުނީ ޒަކީއަށް އަދިވެސް އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ކަމަށެވެ.

އެ މައްސަލައިގައި ހާމިދާއި ޖާބިރުގެ އިތުރުން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، ރީފްސައިޑް ޖާދުﷲ ޖަމީލް އާއި، ހ. ހުޅުގަލި އިބްރާހިމް ޙުސައިން ޒަކީ އާއި ގ. ހިލިހިލާގެ ޙަމްދާން ޒަކީ އާއި މއ. މަނާގެ މުޙައްމަދު ޒުހެއިރު އާއި އޭނާގެ އަބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒްގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުންކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސުހައިލް ރަނާ އެވެ.