16 Nov 2012, 23:16
ކުރިއަށް އޮތް ސީޒަނުގައި ނިއުއިން "އަހަރެންގެ ޓީމު، އަހަރެންގެ ކުޅުންތެރިޔާ" މި ޝިއާރުގެ ދަށުން ސަޕޯޓަރުން ބޭނުންވާ ކޮންމެ ކުޅުންތެރިއަކު ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިރޭ ދަރުބާރު ގޭގައި ބޭއްވި ނިއުގެ ގޯލްޑް ނައިޓްގައި ޗެއާމަން އަލީ ވަހީދު )ބަލަކް( ވިދާޅުވީ ކުރީގެ ބައެއް އުސޫލުތައް ދަމަހައްޓައި ސަޕޯޓަރުންގެ ބައިވެެރިވުން ބޮޑުކުރުމަށް ކަމަށެވެ.
"އަޅުގަނޑު 2009 ވަނަ އަހަރު ނިއުގެ މެނޭޖަރުކަން ކުރިއިރު ވެސް ބައެއް ސަޕޯޓަރުންވެގެން ކުޅުންތެރިންނަށް މުސާރަދޭ. ހަތަރު ސަޕޯޓަރަކުވެގެން އެއް ކުޅުންތެރިއެއްގެ ކަންތައްތައް ބަލަހައްޓާ. މިހެންވެ މި ގޮތަށް އަންނަ އަހަރު ސަޕޯޓަރުންނަށް އެ ފުރުސަތު ހުޅުވާލަނީ،" ބަލަކް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މި ގޮތަށް ހުޅުވާލުމުން އެކަމަށް އެންމެ ފުރަތަމަ އެއްބާރުލުން ދެއްވީ ނިއުގެ ކުރީގެ މަސްއޫލުވެރިޔާ އިބްރާހީމް ނޫރައްދީން ކަމަށެވެ. އެގޮތުން މިރޭގެ ހަފުލާ ހިނގަމުންދިޔައިރު ރާއްޖޭނެ ބޭރުގައި ހުންނެވި ނޫރައްދީން އެސްއެމްއެސްގެ ޒަރީއާއިން އަންނަ އަހަރު ނިއުގެ 11 ނަންބަރު ބޭނުންކުރާނެ ކުޅުންތެރިޔާ ސްޕޮންސާކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިކަމަށް ބަލަކް އިއުލާނުކުރެއްްވި އެވެ.
މި އަހަރު ނިއުގެ ޗެއާމަންކަމާ ހަވާލުވި ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރު ވިދާޅުވީ އަންނަ އަހަރަކީ ނިއު އޭއެފްސީ ކަޕް ކުޅޭ އަހަރު ކަމުން ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށް ގަދަ އަޅައި މަސައްކަތް ކުރެއްވުމަށް ނިއުގެ ހުރިހާ ސަޕޯޓަރުންނާއި މެނޭޖްމަންޓުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބަލަކް ވަނީ އަންނަ އަހަރު ސިޑިބަރީގެ ސީޒަން ޓިކެޓް ވިއްކާނެ ކަމަށް ވެސް އިއުލާނުކޮށްފަ އެވެ. އެގޮތުން މި ޓިކެޓްގެ އަގަކީ 1000ރ. އެވެ.
ނިއު ވަނީ މި އަހަރުގެ ދިވެހި ލީގު ބަލިނުވެ ހޯދުމަށް ފަހު ގައުމީ ތަށި ވެސް ހޯދާފަ އެވެ. އެ ޓީމު މުޅި ސީޒަނުގައި ވެސް ބަލިވީ އެފްއޭކަޕް ކުއާޓާ ފައިނަލުގައި އީގަލްސް އަތުންނެވެ.