ނިއުރޭޑިއަންޓްގެ މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހޮވައިފި އެވެ.

އޭނާ އަށް މި މަގާމުގެ އެވޯޑް ހަވާލުކޮށްދެއްވީ ނިއުގެ މި އަހަރުގެ ކާމިޔާބީ ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި އެކުލަބުގެ ގޯލްޑް ނައިޓްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދެވެ.

ނިއުގެ މި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ޑިފެންޑަރު ސަމާހު ހުސައިނެވެ. ނިއުގެ 21 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ ވެސް ސަމާހަށް 5000ރ. އިނާމް ދެއްވީ ނިއުގެ ވަރަށް ބޮޑު ސަޕޯޓަރެއްކަމަށްވާ ކޮއްޔަ ހަސަން މަނިކެވެ.

އެންމެ މޮޅު ގޯލަކަށް ހޮވުނީ ވިކްޓަރީކޮޅަށް ޕްރެޒިޑެންޓްސް ކަޕުގައި ގައުމީ ކީޕަރު އިމްރާނު މުހައްމަދު ޖެހި ގޯލެވެ. އިމްރާނަށް އެންމެ މޮޅު ގޯލުގެ އިނާމް ހަވާލުކޮށްދެއްވީ ނިއުގެ ކުރީގެ ކީޕަރު ސައްޔިދުއަލީ އެވެ.

ނިއުރޭޑިއަންޓް އެކްސެލަންސް އެވޯޑް ލިބުނީ ހަޒާންދާރުކަން ދިގު މުއްދަތަކަށްކޮށްފައިވާ ބޯޑު މެމްބަރު އަލީ ޝަރީފާއި ކީޕަރު އިމްރާނަށެވެ. އަދި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ ކިޓް މެނޭޖަރު އަބުދުއްސައްތާރަށެވެ. މި ތިން ފަރާތަށް އެވޯޑް ހަވާލުކޮށްދެއްވީ ނިއުގެ ކުރީގެ މަސްއޫލުވެރިޔާ އަދި ރާއްޖޭގެ ނާއިބް ރައީސް އައްނަބީލް މުހައްމަދު ވަހީދުއްދީން.

މި ހަފުލާގައި ނިއުއާ އަލަށް ގުޅުނު ފަސް ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިއަކު ދައްކާލި އެވެ. އެއީ ވިކްޓަރީން ގެންދިޔަ މުހައްމަދު އުމޭރާއި ރިލްވާން ވަހީދު (ކަކާ) އާއި އަލީ ފާސިރު (ސެންޓޭ) އާއި އޭވައިއެލްގެ އަލީ މޫސާ ޔާމީން އެވެ. މާޒިޔާއިން ގެންދިޔަ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީީ) ހަފުލާގައި ބައިވެރިނުވީ އޭނާ ކުޑަ އަނިޔާއަކަށް ދަރުވާހޯދަމުންދާތީ އެވެ.

ނިއު އަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދީފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމަށް ހާއްސަ ހަނދާނީ ފިލާދިނެވެ. މި ގޮތުން ޗެއާމަން އަލީ ވަހީދު ބަލަކްގެ އަތުން މިފިލާތަށް ލިބިވަޑައިގަތީ 10 ފަރާތަކަށެވެ. އެއީ ޕްލެޓިނަލް އެޕްރިސިއޭޝަން އެވޯޑް ލިބުނު ނިއުގެ ސްޕޮންސާ މައިލޯ އާއި ކޯ ސްޕޮންސާ މީޑިއާ ނެޓުގެ އިތުރުން ގޯލްޑް އެޕްރިސިއޭޝަން އެވޯޑް ނިއުގެ ކުރީގެ މަސްއޫލުވެރިޔާ އަދި ރާއްޖޭގެ ނާއިބް ރައީސް އައްނަބީލް މުހައްމަދު ވަހީދުއްދީނާއި ކުރީގެ މަސްއޫލުވެރިޔާ އިބްރާހީމް ނޫރައްދީނަށް ދެއްވި އެވެ. އަދި ބްލޫ އެޕްރިސިއޭޝަން އެވޯޑް ނިއުގެ ބާނީ ކުއީން އަހުމަދު ވަހީދަށް އަދި ތިންކް އެޑްވަޓައިޒިން އާއި ޓީވީ މޯލްޑިވްސް އަދި ހ. ޖަވާ ހަބީބް އެންޑް ފެމެލީ އާއި އަބުދުﷲ ޖަލީލްގެ އިތުރުން ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބަށް ދިނެވެ.