މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުންގެ ތަހުގީގު އެއްވެސް ތަފާތު ކުރުމެއް ނެތި އިންސާފުވެރިކަމާއި ހަމަހަމަ ކަމާ އެކު ކުރިއަށް ގެންދަން ޕީޕީއެމް އާއި އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

ޕީޕީއެމްގެ ނޫސް ބަޔާނުގައި ބުނެފައިވަނީ އިންސާފުގެ ކުރިމަތީގައި ވަކި މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ ކަމަށާއި، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އެއްވެސް ތަފާތު ކުރުމެއް ނެތި އެ މައްސަ ބަލައިދިނުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރު ކުރި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާތީ އެ ޕާޓީން ވަނީ އެކަން ކުއްވެރިކޮށްފަ އެވެ.

"އިންސާފުގެ ކުރިމަތީގައި އެންމެން ހަމަހަމަވާން ޖެހޭނެ. ވަކި މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ. ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީމައި ތަހުގީގުވެސް ނުނި މެނީސް ނަޝީދު އެ ބުނީ ވަގުތުން އެމީހުން ދޫކޮށްލާށޭ. މި ޕާޓީން އެވާހަކަވެސް ވަރަށް ބޮޑަށް ކުއްވެރިކުރަން،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

އަދާލަތު ޕާޓިން ބުނެފައިވަނީ ބަނގުރަލާ މަސްތުވާ އެހެނިހެން ތަކެއްޗަކީ އެ ބޭނުން ކުރުމުން އިންސާނާގެ ބުއްދި ތަޣައްޔަރުވެ މުޖުތަމައުގައި ފިތުނަ ފަސާދަ އާއި ހަމަނުޖެހުމަށް މަގުފަހިވާ ހުރިހާ ނުބައި ކަމެއްގެ އަސްލު ކަމަށް ވީހިނދު އެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުން ރާ އާއްމު ކުރުމާއި ދެކޮޅު ބިލެއް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާ ކަމަށެވެ. އަދި އެފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ ދެ މެމްބަރަކާއި ނިޝާން ޣާޒީގެ އިއްޒަތްތެރި ލަގަބު ލިބިފައިވާ ބޭފުޅަކާއި އަދި ސިޔާސީ ބައެއް ފަރާތްތަށް ފަޅު ރަށެއްގައި ތިބެ ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ގައުމުގެ ކުރިމަގު ބައްޓަންކުރައްވާ ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ ގަދަރު އުފުލިގެންވާ ބޭފުޅުން އެފަދަ ހުތުރު ކަމެއްގައި ބަންދު ކުރުމަކީ މުޅި އެ މަޖިލީހާއި ގައުމުގެ ކަރާމަތާއި ހައިބަތަށް އުނިކަން ގެނައި ނުރައްކާތެރި ކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

"މަޖިލީހުގެ މެމްބަރުންނަކީ ގައުމުގެ ކުރިމަގު ބައްޓަންކޮށް ރައްޔިތުންނަށް ނަމޫނާ ދައްކަން ތިބި ބައެއް. އެފަދަ ބޭފުން ކޮޅެއް ބަނގުރާ ބުއިމުގެ ތުހުމަތުގައި ހައްޔަރު ކުރުމަކީ އެ މަޖިލީހާއި މުޅި ގައުމުގެ ކަރާމަތާއި ހައިބަތަށް އުނިކަން ގެނައި ނުރައްކާތެރި ކަމެއް،" އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހދ. ހޮނޑައިދޫން ބަނގުރަލުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މެމްބަރުންނަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު އެވެ. މީގެ އިތުރުން އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ސ. ހުޅުދޫ، ރީފްސައިޑް ޖާދުﷲ ޖަމީލް އާއި، ހ. ހުޅުގަލި އިބްރާހިމް ޙުސައިން ޒަކީ އާއި ގ. ހިލިހިލާގެ ޙަމްދާން ޒަކީ އާއި މއ. މަނާގެ މުޙައްމަދު ޒުހެއިރު އާއި އޭނާގެ އަބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒްގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުންކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސުހައިލް ރަނާ އެވެ.