ރަލުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިމްތިޔާޒް ކޮމެޓީގެ މެންބަރު އަބްދުﷲ ޖާބިރު ކޮމެޓީއަށް ހާޒިރު ކުރަންދެން ކޮމެޓީ ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިމްތިޔާޒް ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.

މިރޭ ބޭއްވި އިމްތިޔާޒް ކޮމެޓީގެ ކުއްލި ބައްދަލުވުމެއްގައި ފާސްކޮށްފައި ވަނީ މަޖިލީހުގެ ދެ މެންބަރުން ކަމުގައިވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ހައްޔަރު ކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ)އާ ހިލާފަށް ކަމަށް ވާތީ އެ ދެ މެންބަރުން ވަގުތުން ދޫކޮށްލުމަށް ފުލުހުންނަށް އެންގުމަށެވެ. އެގޮތަށް ފާސްކުރީ ކޮމެޓީއަށް ހާޒިރުވި ހަ މެންބަރުންގެ ތެރެއިން އެމްޑީޕީގެ ހަތަރު މެންބަރުން ވޯޓްދެއްވައިގެންނެވެ. ކޮމެޓީއަށް ހާޒިރުވި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޔޫސުފް ނައީމް ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

އިމްތިޔާޒް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޖާބިރު ކޮމެޓީއަށް ހާޒިރު ކުރެވެންދެން ކޮމެޓީ ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ރިޒާ އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއިދުކުރެއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. އެ ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ކޮމެޓީއަށް ހާޒިރުވި އެމްޑީޕީގެ މެންބަރުންގެ އަގުލަބިއްޔަތުން އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.

ކޮމެޓީ މުގައްރިރު ހުސައިން މުހައްމަދު ކޮމެޓީ މެދުކަޑުއްވާލައްވަމުން ވިދާޅުވީ ކޮމެޓީން ނިންމާފައިވާ ނިންމުންތައް ފުލުހުންނަށް އަންގަންދެން ކޮމެޓީ މެދުކަނޑާލުމަށްފަހު މިރޭ 11:00 ޖަހާއިރު ކޮމެޓީ އަލުން ބައްދަލުވާނެ ކަމަށެވެ.

މިރޭގެ ކޮމެޓީގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖާބިރާއި ހާމިދަށް ފުލުހުން އަނިޔާކޮށްފައިވާ ކަމުގެ ހަބަރު ލިބޭ ކަމަށެވެ. އަދި އެކަން ބެލުމަށްޓަކައި ފުލުހުން ކޮމެޓީއަށް ހާޒިރު ކުރުމަށް ވެސް ހުށަހެޅި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ މެންބަރުންގެ ހާލު ބެލުމަށްޓަކައި އެބޭފުޅުންނަށް ފޯން ކޮންފަރެންސް މެދުވެރިކޮށް ގުޅޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ހުށަހަޅުމަކަށް ކޮމެޓީގައި ތާއިދެއް ނުލިބުނެވެ.

ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ވިދާޅުވީ ގާނޫނު އަސާސީން ބާރުލިބިގެން ހަދާފައިވާ މަޖިލީހުގެ ގަވާއިދަކީ ގާނޫނު އަސާސީގެ ބައެއް ކަމަށެވެ. އަދި އެއީ ގާނޫނެއް ކަމަށް ވެސް ބުނެވިދާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ)ގައި ބުނާގޮތުންނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުވަތަ މުސައްތަގިއްލު މަގާމެއްގައި ތިއްބެވި ބޭފުޅަކު އަދި ފަނޑިޔާރަކު މަގާމުން ދުރުކުރުމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށް މަޖިލީހުގެ މެންބަރެއް ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބުނަނީ ހައްޔަރު ކުރާ މީހާއަށް ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކަށް ކުށެއް ކޮށްފިކަމަށް ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ގަބޫލު ކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެ އެވެ.