19 Sep 2010, 10:14
ދެހާސް އަށް ވަނަ އަހަރު މާލޭގައި އަނިޔާކޮށް މަރައިލި ކަމަށް ބުނާ ނ. ލަންދޫ ހިތްފަސޭހަގޭ ޝިފާއު އިސްމާއީލްގެ މަރުގެ މައްސަލާގައި ދައުވާ ކުރި ތިން ޒުވާނުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިއަދު ހުކުމް ކޮށްފި އެވެ.
މި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ގއ. ވިލިނގިލީ މުހައްމަދު ވަސީމާއި މާލޭ ދަފުތަރު މުސްތޮފާ މޫސާ އާއި ގ. މަސްއޮޑިގޭ އިހުސާނުއްދީނު ރަޝީދުގެ މައްޗަށެވެ.
ފަހަތުން ދުވެފައި ގޮސް ބަޔަކު ދަގަނޑު ބުރިއަކުން ޝިފާއުގައި ތަޅައިގެންފައި ވަނީ 2008ގެ އޭޕްރީލް ހަތަރެއްގަ އެވެ.
ޖިނާއީ ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ގާޒީ ވިދާޅުވީ މި ތިން މީހުން ތެޅި ކަމަށް ހަތަރު މީހަކު ތަހުގީގުގައި ހެކިބަސް ދީފައިވާ ކަމަށެވެ. ނަމަވެސް ޝަރީއަތުގައި އޭގެ ބައެއް މީހުން ދުށް ކަމަށް ބުންޏަސް އޭގެ ތެރެއިން އެއް ބަޔަކު ނޭނގޭ ކަމަށް ބުނެފައިވާތީ ދައުވާ ކުރި ތިން މީހުންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކޮށްދެވިފައި ނުވުމުން ދައުވާ ސާބިތު ނުވާ ކަމަށް ނިންމީ ކަމަށެވެ.
ޝިފާއުގެ ގައިގައި ތެޅި ކަމަށް ބުނެ ދައުވާ އުފުލި ތިން ޒުވާނުންގެ މައްޗަށް ދައުވާ ކުރީ 2008 ގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ޝިފާއު އާއި އެހެން ކުއްޖަކު ގ. މަސްއޮޑިގޭ ކައިރިއަށް ދިޔަ ވަގުތު އިހުސާނުއްދީނަށް އެމީހުން ފެނި މުސުތޮފާ އާއި ވަސީމާއި އިތުރު ބަޔަކުވެގެން ފަހަތުން ދުވަނިކޮށް ޝިފާއު ގަލޮޅުއާގޭ ތިން ވަނަ ބުރިއަށް އެރުމުން ދަގަނޑު ބުރިއަކުން ތަޅައި އަނިޔާކޮށްފައިވާ ކަމަށެވެ.
އުމުރުން 14 އަހަރުގެ ޝިފާއުގެ ގައިގައި ތަޅައިގަތުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ޝިފާއު މަރުވީ 12 އޭޕްރީލް 2008ގަ އެވެ.