ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ރައީސް ނަޝީދުގެ ކުރީގެ އެޑްވައިޒަރު އިބްރާހިމް ހުސެއިން ޒަކީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ޒަކީގެ އެދިވަޑައިގަތުމަކަށް މިރޭ އޭނާ ޑޮކްޓަރަށް ދެއްކުމުން ބަލި ހާލަތު ހުރިގޮތުން ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާކަމަށެވެ.

މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ފުލުހުން ހައްޔަރުކޮށްފައިވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރަށް ފުލުހުން އަނިޔާ ކުރިކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ މަޖިލީހުގެ މެންބަރުންގެ އެ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށާއި ފުލުހުން ހައްޔަރު ކުރި އެއްވެސް މީހަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށެވެ.

އެބޭފުޅުންގެ އިތުރުން ބަނގުރަލުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރާއި އޭނާގެ އަނބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒް އާއި ސ. ހުޅުދޫ، ރީފްސައިޑް ޖާދުﷲ ޖަމީލް އާއި، ގ. ހިލިހިލާގެ ޙަމްދާން ޒަކީގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުންކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސުހައިލް ރަނާ އެވެ.

ހައްޔަރު ކުރި އެންމެނަށްވެސް ބަންދުގެ މުއްދަތު އިތުރުކުރަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރަން ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ.