މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅި ތަކަކާއި ބަނގުރާ ކައްކަން ބޭނުންކުރާ އާލާތް ތަކަކާއި އެކު ފުލުހުން ބަޔަކު ހައްޔަރުކޮށްފި އެވެ.

މިތަކެއްޗާއި މީހުން އަތުލައިގެންފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ރެ އާއި އިއްޔެރޭ މާލޭގައި ހިންގި އޮޕަރޭޝަންތަކުގަ އެވެ.

ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން މ. ބާރަނާގެއާގެ ބަލައި ފާސްކޮށް އެ ގޭގެ ތެރެއިން ސްރީލަންކާގެ ދެ ރައްޔިތަކާއި އެކު ބަނގުރާ އަޅާފައި ހުރި ގިނަ އަދަދެއްގެ ފުޅިތަކަކާއި ބަނގުރާ ކަންކަން ބޭނުން ކޮށްފައި ހުރި ސާމާނުތަކެއް ފެނިފައިވާ ކަމަށެވެ. އެ ގޭގެ ތެރެ ބަލައި ފާސް ކުރުމުގެ ތެރޭގައި އެ ގޭގެ އަށްވަނަ ފަންގި ފިލާގައި ހުރި ބައިސްކަލެއްގެ ވަށިގަނޑުން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅައިފައި ހުރި 500 އެމްއެލްގެ ލައިލް ދެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ހަމަ އެ ގޭގައި މީހުން ދިރިއުޅެމުން އައި އެހެން އެޕާޓްމަންޓެއްގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ލައިފް ހަތް ފުޅި އާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އުނދުނަކާއި ރައިސްކުކަރެއްގެ އިތުރުން އެޕާޓްމަންޓްގެ ސިޓިންރޫމް ތެރެއިން ބަނގުރާކެއްކުމަށް ބޭނުންކުރާ ހޮޅިއެއް ފެނިފައިވެ އެވެ. އަދި އިމާރާތުގެ ޓެރެސް އިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ ދެ ހަން ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މާލެ ތެރެ އަމާން ތަނަކަށް ހެދުމަށް ފުލުހުން ފަށާއިވާ ޚާއްސަ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު ވަނީ މ.ފައިންވުޑް ގޭގައި ބަނގުރާ ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން އެގެ ބަލާ ފާސްކޮށްފަ އެވެ. އެގޮތުން އެ ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގެ ތެރެއިން ބަނގުރާ ދެ ފުޅި އާއި އެ ކޮޓަރީގެ ފާޚާނާގެ ސީލިންގް މަތިން ފެނުނު ކޮތަޅެއްގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ތާޒާ ފެންހުސްކުރި ހަތް ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި އުމުރުން 40 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ފުލުހުން ބުނީ އިއްޔެ ރޭ "ލެޖިންޖާ" ތެރޭގައި ބަޔަކު މަސްތުވާ ތަކެތި ބޭނުންކުރަން ތިބި ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެތަން ބަލާ ފާސްކުރުމުގެ ތެރޭގައި އެތަނުގެ ތެރެއިން އުމުރުން 23 އަހަރާއި 26 އަހަރުގެ ދެ ޒުވާނުންގެ އިތުރުން 22 އަހަރު މީހަކު ހައްޔަރުކުރި ކަމަށެވެ. އެމީހުން ތިބި ތަނުން ބަގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅަފައިހުރި 500 އެމްއެލްގެ ލައިފް ފުޅިއެއްގެ އިތުރުން އެމީހުން ތިބި މޭޒު މަތިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުސްކޮށްފައިހުރި ތިން ބިއްލޫރި ތަށި ފެނިފައިވެ އެވެ.

ރެއާއި އިއްޔެރޭ މާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަނގުރާ ހޯދީއިރު ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި މަޖިލީހުގެ ދެ މެންބަރަކާއި ސިޔާސީ އިސްފަރާތްތަކެއް ވަނީ ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އެ މީހުން ހައްޔަރު ކުރީ ހދ. ހޮނޑައިދޫއިންނެވެ.