16 Nov 2012, 20:36
މިއަހަރު ނޮވެމްބަރު މަހުގެ ސާދަވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ޕީޕީއެމްގެ ކޮންގްރެސް ތިންވަނަ ފަހަރަށް އަނެއްކާވެސް ފަސްކޮށްފި އެވެ.
ޕީޕީއެމްގެ ކޮންގްރެސް މިހާރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ޕީޕީއެމްގެ ސްޕޯކްސް ޕާސަން މާޒް އަހުމަދު ސަލީމް "ސަން އޮންލައިން"އަށް ވިދާޅުވީ ނޮވެމްބަރު މަހު ބާއްވަން އޮތް ކޮންގްސް ފަސްކުރަން ޖެހުނީ ތަފާތު އެކި ފަހަރު މަތިން ދަރުބާރުގެ ހޯދަން މަސައްކަތް ކޮށް އެތަން ލިބޭގޮތް ނުވެގެން ކަމަށެވެ. ސަލީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކުން 1000 އަށް ވުރެ ގިނަ މަންދޫބުން ކޮންގްރެސްގައި ބައިވެރިވާ އިރު އެކަމަށް އެކަށީގެން މާހައުލަކީ ދަރުބާރުގެ ކަމަށެވެ.
"ޕީޕީއެމް އަކީ އެންމެ ބޮޑު ސިޔާސީ ޕާޓީ. އެހެންވީމައި ދަރުބާރުގޭގައި ނޫނީ ވަރަށް ދަތިވާނެ ކޮންގްރެސް ބާއްވަން. އެތަން ލިބެން އޮތީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހަށް. އެހެންވީމަ އެދުވަހަށް ކޮންގްރެސް ފަސްކުރީ،" ސަލީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ކޮންގްރެސް އެންމެ ފުރަތަ ބާއްވަން ހަމަޖެހިފައި އޮތީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް އެފަހަރުގެ ކޮންގްރެސް ފަސްކުރީ އޭރު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުންނެވެ. ދެވަނަ ފަހަރަށް ކޮންގްރެސް ބާއްވަން ހަމަޖެއްސީ މިއަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހަށެވެ. އެފަހަރު ކޮންގްރެސް ފަސްކުރީ އެކަމަށް އެކަށީގެންވާ ތަނެއް ނުލިބިގެން ކަމަށް ބުނެ އެވެ.