16 Nov 2012, 20:24
ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ރޭ މަޖިލީހުގެ ދެ މެންބަރަކު ހައްޔަރުކޮށްފައިވާއިރު އެކަން މިވަގުތު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް ފުލުހުންނަށް އަންގަވާފައި ވަނިކޮށް، އެ މައްސަލައިގައި ހައްޔަރު ކުރި އެންމެންގެ ބަންދާ މެދުވެސް ގޮތެއް ނިންމާނީ ފަނޑިޔާރު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއު އެއްގައި ކޮމިޝަނާ ރިޔާޒު ވިދާޅުވީ ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އަދި ހަމަ އެ މައްސަލައިގައި ހައްޔަރު ކުރި އެ ނޫން އެހެން އެންމެންގެ ބަންދާއި މެދު ގޮތެއް ނިންމާނީ ފަނޑިޔާރުން ކަމަށެވެ.
"މައްސަލައިގައި ހައްޔަރު ކުރެވުނު ބޭފުޅުންނާ ދޭތެރޭ ގޮތެއް ނިންމަވާނީ ފަނޑިޔާރުން. ގާޒީގެ ކުރިފުޅުމައްޗަށް ގެންދިޔާމަ ގާޒީ އެކަމާ މެދު ގޮތެއް ނިންމަވާނެ،" ރިޔާޒު ވިދާޅުވި އެވެ.
ދެ މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުލުހުންނަށް ފޮނުވި ސިޓީއާ މެދު އަމަލު ކުރައްވާނީ ކިހިނެތްތޯ ދެންނެވުމުން ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާފުޅާއި ވެސް އެއްގޮތަށް ކަމަށެވެ. އަދި ކުށުގެ ވެށިން މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރެވުނަސް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު އެއީ އެމީހުން ކުރިކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވާނަމަ ގާނޫނީ ގޮތުން ފުލުހުންނަށް ލިބިފައިވާ ބާރުގެ ދަށުން އަމަލު ކުރާނެ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.
"ކުށެއްގެ ވެށިން މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރެވުނަސް ފުލުހުން އަމަލު ކުރަމުން ގެންދާނެ ގޮތަކީ ލިބިފައި ހުރި ހެކިތަކުގެ މައްޗަށް ބަލާއިރުގައި އެއީ ކުރަމުން ދިޔަ ކަމެއްކަމަށް ތުހުމަތު ކުރެވެންޏާ ފުލުހުންނަށް ގާނޫނީގޮތުން ލިބިފައިވާ ބާރާއި އިޚުތިޔާރާއި އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރާނީ،" ކޮމިޝަނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކޮމިޝަނާ ވިދާޅުވީ ޖިނާއީ ކުށެއް ބަޔަކު ކުރަމުން ދާނަމަ އެކަމެއް ހުއްޓުވާ އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ފުލުހުން މަޖިލީހުގެ މެންބަރުން ދޫކޮށްލުމަށް މަޖިލީހުގެ ރައީސް އެންގެވީ ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 220 ވަނަ މާއްދާގެ (ރ)ގައި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމު ތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވާ ވަގުތެއްގައި އެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މެންބަރަކު ހައްޔަރެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާތީ ކަމަށެވެ.