ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހދ. ހޮނޑައިދޫގައި ބަނގުރާ ބޭނުން ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރު ކުރި މަޖިލީހުގެ ދެ މެންބަރުންނާއި އިތުރު ފަރާތްތައް އެ އަތޮޅު ކުޅުދުއްފުއްޓަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިރޭ ވިދާޅުވީ އެ އެންމެން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކުޅުދުއްފުށީގައި ކަމަށެވެ.

"އެ އެންމެން ވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކުޅުދުއްފުށީގައި،" ހަނީފް ވިދާޅުވި އެވެ.

ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ގަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އެ ދެ ބޭފުޅުންގެ އިތުރުން ހައްޔަރުކޮށްފައި ސ. ހުޅުދޫ، ރީފްސައިޑް ޖާދުﷲ ޖަމީލް އާއި، ހ. ހުޅުގަލި އިބްރާހިމް ޙުސައިން ޒަކީ އާއި ގ. ހިލިހިލާގެ ޙަމްދާން ޒަކީ އާއި މއ. މަނާގެ މުޙައްމަދު ޒުހެއިރު އާއި އޭނާގެ އަބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒްގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުންކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސުހައިލް ރަނާ ކަމަށް ފުލުހުން ބުންޏެވެ.