16 Nov 2012, 19:15
މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކާއި އެކު ހދ. ހޮނޑައިދޫން ރޭ ހައްޔަރުކުރި އެންމެންގެ ނަންތައް ފުލުހުން މިއަދު އާންމުކޮށްފި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާ އެކު އެ ލިސްޓްގައި 10 ފަރާތެއްގެ ނަންވަނީ ހާމަކޮށްފަ އެވެ.
އެ ފަރާތްތަކަކީ ސ. ހުޅުދޫ، ރީފްސައިޑް ޖާދުﷲ ޖަމީލް އާއި، ހ. ހުޅުގަލި އިބްރާހިމް ޙުސައިން ޒަކީ އާއި ގ. ހިލިހިލާގެ ޙަމްދާން ޒަކީ އާއި މއ. މަނާގެ މުޙައްމަދު ޒުހެއިރު އާއި އޭނާގެ އަބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒްގެ އިތުރުން ސްރީލަންކާގެ ދެ ރައްޔިތުންކަމަށްވާ ރާޖު މޯހަން އާއި އަނޫރު ބަންޑާރަނައިކް އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ސުހައިލް ރަނާ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ ފުލުހުން ރޭ ހިންގި އެ އޮޕަރޭޝަނަކީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިންގި އޮަޕަރޭޝަނެއް ކަމަށެވެ. އަދި އެމީހުން ތިބި ރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ ދިޔާ ތަކެއްޗާއި ގިނަ ޢަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.