ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އައި ހދ. ހޮނޑައިދޫން ފުލުހުން ހައްޔަރު މީހުންނާއި އެކު ބަނގުރަލުގެ އިތުރުން މަސްތުވަތަކެތީގެ އެހެން ބާވަތްތައްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހޮނޑައިދޫން އިން ފުލުހުން ހައްޔަރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ޖާބިރާއި އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރެވެ. ދެން ހައްޔަރުކޮށްފައިވާކަން މިހާތަނަށް އެނގިފައިވަނީ ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީކަން ކުރެއްވި އިބްރާހިމް ހުސެން ޒަކީއާއި ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު (ޖުހާ) އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި އެ ރަށުން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ ތެރޭގައި "ހައި ޕްރޮފައިލް މީހުން" ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ބިދޭސީ ބަޔަކުވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި ކުށުގެ ވެށިން ފެނުނު މަސްތުވާތަކެތީގެ ބާވަތްތައް ފުލުހުން މިހާރު ޓެސްޓް ކުރަމުން އަންނަ ކަމަށްވެސް ހަނީފު ވިދާޅުވި އެވެ.

"އެ މީހުން ހައްޔަރު ކުރީއިރު ބަނގުރަލުގެ އިތުރުން ތެޔޮ [ހޭޝްއޮއިލް]ކަމަށް ބެލެވޭ އެއްޗިހިވެސް ފެނުނު. އެތަކެތި މިގެންދަނީ މިހާރު ޓެސްޓްކުރަމުން،" ހަނީފު ވިދާޅުވި އެވެ.

ހޮނޑައިދުއަކީ މީގެ ކުރިން މީހުން ދިރިއުޅެމުން ދިޔަ ރަށެއް ކަމުގައިވިޔަސް ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 1997 ވަނަ އަހަރު އެ ރަށުގެ މީހުން ވަނީ އެ އަތޮޅު ހަނިމާދޫއަށް ބަދަލުކޮށްފަ އެވެ. އަދި 2003 ވަނަ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާޒްއަށް ވަނީ 21 އަހަރަށް ކުއްޔަށް ދޫކޮށްފަ އެވެ.