16 Nov 2012, 18:22
ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ އެއްވެސް މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުލުހުންނަށް އަންގަވައިފި އެވެ.
ޝާހިދު ފުލުހުންނަށް އެގޮތަށް އަންގަވާފައި މިވަނީ ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ފަޅުރަށަކުން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު މަޖިލީހަށް އަންގާފައިވަނިކޮށެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝާހިދު އެގޮތައް ފުލުހުންނަށް އެންގެވީ މަޖިލީހުގެ ގަވާއިދުގެ 220 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުންގެ މަތިން ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމު ތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވާ ވަގުތެއްގައި އެ މައްސަލައާއި މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މެންބަރަކު ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ.
"މި ވަގުތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ، މުހަންމަދު ވަހީދު ހަސަން މަނިކު މަގާމުން ދުރުކުރުމުގެ މައްސަލައަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހަންމަދު ފަހުމީ ހަސަން މަގާމުން ދުރުކުރުމުގެ މައްސަލައެއް ރައްޔިތުން މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެކެވެ. އެހެން ކަމުން ރައްޔިތުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަންގަވައިފި އެވެ،" ބަޔާނުގައިވެ އެވެ.
މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ ގަވާއިދަކީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން ހެނދިފައިވާ ގަވާއިދެއް ކަމަށެވެ.
ރޭ ފުލުހުން ހިންގި އޮޕަރޭޝަންގައި މަޖިލީހުގެ ދެ މެންބަރުންނާއި އެކު ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސްޕެޝަލް އެޑްވައިޒާ އިބްރާހިމް ހުސެން ޒަކީ އާއި ކުރީ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.