16 Nov 2012, 17:19
ޤާހިރާ (ނޮވެމްބަރ 16) : އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނާ ދެކޮޅު ހެދުމުގެގޮތުންނާއި މިސްރުގެ ތާއީދާއި ހަމްދަރްދީ ޣައްޒާގެ ރައްޔިތުންނަށް އޮތްކަން ހާމަކުރުމުގެ ގޮތުން މިސްރުގެ ބޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޑުވަޒީރު ހިޝާމް ޤިންދީލް ޣައްޒާއަށް ފޮނުވުމަށް ރައީސް މުޙައްމަދު މުރްސީ ނިންމަވައިފި އެވެ.
މިކަން ހާމަކުރައްވަމުން ރައީސް މުރްސީ ވިދާޅުވީ މިސްރުގެ އިސްމަސްއޫލުވެރިން ހިމެނޭ ބޮޑުވަފްދެއް މިއަދުގެ ވަގުތެއްގައި ޣައްޒާއަށް ޒިޔާރަތްކުރައްވާނެ ކަމަށާ މިވަފްދުގެ ވެރިއަކަށް ހުންނަވާނީ ބޮޑުވަޒީރު ޑޮކްޓަރ ހިޝާމް ޤިންދީލް ކަމުގަ އެވެ.
ޤިންދީލްގެ ދަތުރުފުޅުގެ މަޤްސަދަކީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނާ ދެކޮޅަށް ޣައްޒާގެ ރައްޔިތުންނާއެކު މިސްރު އޮތްކަން ހާމަކުރުން ކަަމަށްވެސް މުރްސީ ވިދާޅުވިއެވެ. ޤިންދީލްގެ ދަތުރުފުޅާ ގުޅިގެން އިސްރާއީލުންވަނީ ވަގުތީގޮތުން ޙަމަލާތައް މެދުކަނޑާލާނެކަމަށް ބުނެފައެވެ. މިސްރުގެ ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި މުރްސީ ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް ކުރެވެންކުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގަ އެވެ.
އިސްރާއީލުގެ ޢުދުވާންގައި ފަލަސްތީނުގެ 15 މީހަކު ޝަހީދުކޮށްލާފައިވާއިރު އިސްރާއީލުގެ ޢުދުވާން ހުއްޓުވުމަށް ޓަކައި މިސްރުން އެދުނު އެދުކަމަށް އދ. ގެ ސަލާމަތީ މަޖިލީހުންވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާއި އސްތިޢްމާރަށް ތާއީދުކުރާ އެމެރިކާގެ ދެކޮޅުހެދުންތަކުގެ ސަބަބުން ސަލާމަތީ މަޖިިލީހުގެ ބައްދަލުވުން ނިންމާލާފައިވަނީ އިސްރާއީލުގެ ޙަމަލާތައް ހުއްޓާލުމަށް ގޮވާލާ ބަޔާނެއް ފާސްނުކޮށެވެ. އެމެރިކާއިންވަނީ އިސްރާއީލުގެ ޙަމަލާތައް ނިމުމަކަށް ގެނައުމަށް ގޮވާލާ ބަޔާނާދެކޮޅަށް އަޑުއުފުލައި އެބަޔާން ނެރުން ހުއްޓުވާފައެވެ. އެމެރިކާ ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ޙަމަލާދެމުން ގެންދަނީ އަމިއްލަ ނަފްސުގެ ދިފާޢުގައި ކަމުގަ އެވެ.
އިސްރާއީލުން ޣައްޒާ އިސްތިޢްމާރުކޮށް ޣައްޒާގެ ރައްޔިތުން އަޅުވެތިކޮށް އެމީހުން ޙިސާރުކޮށްގެންއުޅޭ މައްސަލަ އަށް އެމެރިކާ އިޝާރާތް ކޮށްފައެއްނުވެއެވެ. މިސްރުގެ ޚާރިޖިއްޔާއިންވަނީ އެމެރިކާގެ މިޢަމަލަށް ފާޑުކިޔާފަ އެވެ. ޔޫރަޕްގެ ޤައުމުތަކުންވެސް ގެންގުޅެނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރު ދިފާޢުކުރުމުގެ ސިޔާސަތެކެވެ. އެހެންކަމުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތައް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ވިސްނޭކަމަށް ވިދާޅު ޙަމަލާތައް ހުއްޓާލުމުގެ އެއްވެސް ފިއްތުމެއް އިސްރާއީލަށް ކުރިމަތިނުވާކަމަށް ވިދާޅުވެފަ އެވެ.
އިސްރާއީލުގެ އުދުވާނާ ދެކޮޅަށް އަޑުއުފުލަމުން ގެންދަނީ މައިގަނޑު ގޮތެއްގައި ޢަރަބި އަދި އިސްލާމީ ޤައުމުތަކުންނެވެ. މިގޮތުން ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން އާއި އީރާނުގެ ރައީސް އަޙްމަދީ ނެޖާދް އާއި ޤަތަރުގެ އަމީރު ޙަމަދް ބިންޚަލީފާ ވަނީ އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް އަޑުއުފުއްލަވާފަ އެވެ. އަދި ބައެއް އިސްލާމީ ޤައުމުތަކުގެ ރައްޔިތުންވަނީ އިސްރާއީލާއި އިސްރާއީލުގެ ވާގިވެރިޔާ ކަމަށްވާ އެމެރިކާއާ ދެކޮޅަށް އަޑުއުފުލަން ފަށާފަ އެވެ. (ނޫސްއެޖެންސީތައް)