ހދ. ހޮނޑައިދޫގައި ބަނގުރާ ބޭނުންކުރަމުން ދިޔަކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފުލުހުން ހައްޔަރު ކޮށްފައިވާތީ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ހާމިދާއި ޖާބިރު ހައްޔަރު ކުރުމާއި ގުޅިގެން އިމްތިޔާޒު ކޮމެޓީގެ ކުއްލި ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުންޏެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ޖާބިރަކީ އިމްތިޔާޒު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހަންމަދު ވިދާޅުވެފައިވަނީ އެ ދެ މެންބަރުން ހައްޔަރު ކުރިކަން މިއަދު ހެނދުނުގެ ވަގުތެއްގައި މެސެޖެއްގެ ޒަރިއްޔާއިން އޭނާއަށް އަންގާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ށ. ގައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި މެމްބަރަކު ބަންދުކުރަން ވާނީ މަޖިލީހުގެ ރައީސަށް އެންގުމަށް ފަހު ކަމަށެވެ.

ޖާބިރުގެ އިތުރުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމާއި މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ އިތުރުން ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު އެވެ.

ހާމިދާއި ޖާބިރުގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކުރީގެ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އިބްރާހިމް ހުސެއިން ޒަކީ އާއި މުހައްމަދު ޒުހައިރު އެވެ.

އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ހދ. ހޮނޑައިދޫގައި ބަނގުރާ ބޭނުން ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.