ޣައްޒާ (ނޮވެމްބަރ 16) : އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި، މިއަދު ފަލަސްތީނުގެ ތިން ފިރިހެން ކުއްޖަކު ޝަހީދުކޮށްލައިފި އެވެ.

މިތިން ކުދިން ޝަހީދުކޮށްލުމާއެކު އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ ޢަދަދުވަނީ 19 އަށް އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ ޢަދަދުވަނީ 200 އަށް އަރާފައެވެ. އިސްރާއީލުން މިއަދު ހެނދުނު ހަމަލާދިންކަމަށްވަނީ ޣައްޒާގެ އުތުރުގައިވާ ބައިތު ޙާނޫން އަށެވެ. މިޙަމަލާގައި ފަލަސްތީނުގެ ތިން ފިރިހެން ކުދިން ޝަހީދުވުމުގެ އިތުރުން 15 މީހަކު ޒަޚަމްވިކަމަށް ޣައްޒާގެ ސިއްހަތާބެހޭ ދާއިރާއިން ބުނެ އެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި ޙަމާސް ޖަމާއަތުގެ ޢަސްކަރީ ގޮފީގެ ކޮމާންޑަރެއްކަމަށްވާ އަހްމަދުލްޖަޢްބަރީ މިދިޔ ބުދަދުވަހުވަނީ ޝަހީދުވެފައެވެ. އަލްޖަޢްބަރީގެ މަރަށް ބަދަލުހިފުމުގެ ގޮތުން ޙަމާސް އިން ދިން ރޮކެޓް ޙަަމަލާތަކެއްގައި އިސްރާއީލުގެ ތިން މީހަކުމަރުވެފައިވެއެވެ. އަދި އިސްރާއީލުގެ ޢުދުވާނަށް ރައްދުދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިސްރާއީލަށް އިއްޔެ ސަތޭކައަށްވުރެ ގިނަ ރޮކެޓް ހަމަލާދީފައިވާއިރު މީގެތެރެއިން ރޮކެޓެއްވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ އަވަށެއް ކަމަށްވާ ރަޝުން ލެތްސިޔޮން އަށް އަރާފައެވެ. ނަމަވެސް މިޙަމަލާގައި މީހަކު މަރުުނުވާކަމަށް އިސްރާއީލުން ބުނެ އެވެ.

ޓެލްއަވީވަށް ރޮކެޓް ހަމަލާދިނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުންނެވެ. އެޖަމާއަތުގެ ތަރްޖަމާނަކު ވިދާޅުވީ މިިއީ "ފަޖްރު 5" މަރުކާގެ ރޮކެޓެއް ކަމަށާ އިސްރާއީލުން ޢުދުވާން ކުރިޔަށްގެންދާނަމަ ޓެލްއަވީވްގެ މެދަށް ފޯރާވަރުގެ ރޮކެޓް ބޭނުންކުރާނެ ކަމުގައެވެ. މިއީ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލުގެ ވެރިރަށަށް ދިން އެންމެ ފުރަތަމަ ރޮކެޓް ޙަމަލާއެވެ. މިޙަމަލާއާއެކު އިސްރާއީލުގެ ޔަހޫދީންނަށް ސިހުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިސްރާއީލުންވަނީ ފަލަސްތީނު މުޖާހިދުންގެ ރޮކެޓް ޙަމަލާތައް މައިތިރި ކުުރުމަށް "ދަގަނޑު ގުއްބު" ގެ ނަމުގައި ރޮކެޓް އައްޑަނައިގެ ނިޒާމެއް އެމެރިކާއާ ގުޅިގެން ތަރައްޤީކޮށްފައެވެ. ނަމަވެސް ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ދިން ސަތޭކައަށްވުރެ ގިނަ ރޮކެޓް ޙަމަލާގެ ތެރެއިން އެންމެ ޙަމަލާއެއްވެސް އެނިޒާމު ބޭނުންކޮށްގެން ވައްޓާލާފައިވާކަމުގެ ޚަބަރެއް ލިބިފައެއް ނުވެ އެވެ. (އަލްޖަޒީރާ)