16 Nov 2012, 13:33
ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކު ފުލުހުން ރޭ ހައްޔަރުކޮށްފައިވާކަން ފުލުހުން މަޖިލީހުގެ އިދާރާއަށް އަންގައިފި އެވެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހަންމަދު މިއަދު ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދާއި އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހައްޔަރުކޮށްފައިވާ ކަން މެސެޖެއްގެ ޒަރިއްޔާއިން ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި ސަބަބުންވެސް އަންގާފައިވާ ކަމަށާއި ނަމަވެސް އެއީ ކޮން ސަބަބެއްކަން ހާމަކުރެވެން ނެތް ކަމަށް އަހުމަދު ވިދާޅުވި އެވެ.
"އަޅުގަނޑު ހޭލީއިރު މެސެޖުން އެބައޮތް އަންގާފައި. ގަވާއިދުގައި އޮންނަނީ އަންގާށޭ. އެހެންވީމައި އެ ޕްރޮސެސް ކުރިއަށްދާނެ،" އަހުމަދު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ށ. ގައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި މެމްބަރަކު ބަންދުކުރަން ވާނީ މަޖިލީހުގެ ރައީސަށް އެންގުމަށް ފަހު ކަމަށެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޖާބިރާއި ހާމިދު ހައްޔަރުކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހދ. ހޮނޑައިދޫންނެވެ. އެ ރަށުން ކުރީގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހޭރާއި ސްޕޭޝަން އެޑްވައިޒާ އިބްރާހިމް ހުސެން ޒަކީވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނެފައިވަނީ އެ ރަށުން ހައްޔަރު ކުރި އެންމެންވެސް ހައްޔަރު ކުރީ ބަނގުރާ ބުޔުމުގެ ތުހުމަތުގައި ކަމަށެވެ. އިތުރު މައުލޫމާތެއް ހާމަކޮށްފައެއްނުވެ އެވެ.
ހޮނޑައިދޫ 2003 ވަނަ އަހަރުގެ ތެރޭގައި 21 އަހަރަށް ކުއްޔަށް ދޫކޮށްފައިވަނީ ޖާބިރުގެ ޔޮޓް ޓްއާޒް އަށެވެ.