ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ހުސެން ޒަކީ އަދި ކުރީގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ދޫކޮށްލުމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ބައެއް އާންމުންނާއި އަދިވެސް އިތުރު ބަޔަކާއި އެކު އެ މީހުން ހައްޔަރުކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ހދ. ހޮނޑައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. ފުލުހުން ބުނެފައިވަނީ އެ ރަށުން ހައްޔަރު ކުރި މީހުންނަކީ ބަނގުރާ ބޭނުން ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވަނީ މިއަދު ހެނދުނު ދެ ޓުވީޓެއް ކުރައްވައިފަ އެވެ. އެގޮތުން ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރުކަން ކުރެއްވި ޒަކީ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށާއި އެމަނިކުފާނު މިހާރުވެސް ދޫކޮށްލަން ޖެހޭ ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ "މަޖިލީހުގެ މެންބަރުންތަކެއް ހައްޔަރުކުރީ ރައީސް ޑރ. ވަހީދު މަޖިލީހުގެ މެންބަރުންނަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވިތާ 24 ގަނޑިއިރުވެސް ނުވަނީސް" ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ ޖާބިރާއި ހާމިދާއި އަދި ކުރީގެ ޕްރެސް ސެކްރެޓަރީ ޒުހައިރު ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

ހޮނޑައިދުއަކީ މީގެ ކުރިން މީހުން ދިރިއުޅެމުން ދިޔަ ރަށެއް ކަމުގައިވިޔަސް ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 1997 ވަނަ އަހަރު އެ ރަށުގެ މީހުން ވަނީ އެ އަތޮޅު ހަނިމާދޫއަށް ބަދަލުކޮށްފަ އެވެ. އަދި 2003 ވަނަ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާޒްއަށް ވަނީ 21 އަހަރަށް ކުއްޔަށް ދޫކޮށްފަ އެވެ.

ނަޝީދު ކުރެއްވި ޓްވީޓް؛