ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ހދ. ހޮނޑައިދޫގައި ބަނގުރާ ބޭނުން ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އެ ރަށުން މަޖިލީހުގެ ދެ މެންބަރަކާއި ސިޔާސީ ބައެއް ފަރާތްތައް އަދި އާންމުންތަކެއް ރޭ ހައްޔަރުކޮށްފި އެވެ.

ސަން އޮންލައިން އަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ގަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ހުސެން ޒަކީ ހިމެނޭކަން ވަނީ ކަށަވަރުވެފަ އެވެ. އަދިވެސް އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ރައީސް މުހަންމަދު ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ޕްރެސް ސެކްރެޓަރީގެ މަގާމު ފުރުއްވި މުހަންމަދު ޒުހައިރުވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށާއި އެ އެންމެން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.



ފުލުހުންގެ މީޑިޔާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވީ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހދ. ހޮނޑައިދޫން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އޮޕަރޭޝަން ފުލުހުން މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ރަށުން ހައްޔަރުކުރި މީހުން ހައްޔަރުކުރެވުނީ ބަނގުރާ ބޭނުން ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް އަދި އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހަނީފު ނުދެއްވި އެވެ.

ހޮނޑައިދުއަކީ މީގެ ކުރިން މީހުން ދިރިއުޅެމުން ދިޔަ ރަށެއް ކަމުގައިވިޔަސް ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 1997 ވަނަ އަހަރު އެ ރަށުގެ މީހުން ވަނީ އެ އަތޮޅު ހަނިމާދޫއަށް ބަދަލުކޮށްފަ އެވެ. އަދި 2003 ވަނަ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާޒްއަށް ވަނީ 21 އަހަރަށް ކުއްޔަށް ދޫކޮށްފަ އެވެ.