15 Nov 2012, 23:25
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގަށް ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދިފައިވާ ކަމަށާއި އެ މައްސަލައިގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އަފްރާޝީމްގެ އުފަން ރަށްކަމުގައިވާ އުނގޫފާރު ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ އަފްރާޝިމްގެ މަރުގެ ތަހުގީގު ވަރަށް ރަނގަޅަށް ކުރިއަށް ދާ ކަމަށާއި އެ ހާދިސާގެ ތަފްސީލްތައް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުން ހާމަކުރައްވާނެ ކަމަށެވެ.
"އެ ތަހުގީގު އިރާދަކުރެއްވިއްޔާ ރަނގަޅަށް ދަނީ. ކުރިއަށް އޮތް ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ފުލުހުންގެ ފަރާތުން މިކަމާ ބެހޭ ތަފުސީލުތައް އެންމެހާ ރައްޔިތުންނަށް ހާމަކޮށްދޭނެ،" ރައީސް ވިދާޅުވި އެވެ.
ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސުގައި ވެސް ބުނެފައި ވަނީ ޑރ. އަފްރާސީމް އަލީ އަވަހާރަކޮށްލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށާއި އެއީ ވަރަށް ތަފާތު ބޮޑު ގޮތަކަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.
އަފްރާޝިމް އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރުމަށް 80 ވަރަކަށް ފުލުހުން މަސައްކަތް ކުރާ އިރު، އެ މައްސަލާއާ ގުޅިގެން އެއްކޮށްފައިވާ ފޮރެންސިކް ހެކިތައް ބެލުމުގައި އެފްބީއައި އާއި ސިންގަޕޫރު ފުލުހުންނާއި އެމެރިކާ ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު ޑރ. އަފްރާޝިމް އަވަހާރަކޮށްލާފައި އޮއްވައި ފެނިފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގޭގެ ދޮރުމަތިންނެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ޝަރީއަތަށް ސާބިތުކޮށް ދެވޭ ވަރުގެ ހެކި ހުށަހަޅާ މީހަކަށް 500،000ރ. ދޭނެ ކަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ މީހެއްގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ފުލުހުން ބުނެ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ފުލުހުން އެެންމެ ފަހުން ޕްރެސްކޮންފަރެއްސެއް ބާއްވާފައި ވަނީ މީގެ ތިން ހަފުތާ ކުރިންނެވެ.