15 Nov 2012, 22:59
ރައްޔިތުންގެ މަޖިލީހަށް މުހިންމު ކަންތައްތައް ހުށަހެޅިފައި ވަނިކޮށް އެފަދަ ކަންކަން ފާސް ކުރުމެއް ނެތި މެންބަރުން މަޖިލީހުގެ ވަގުތުތައް ބޭކާރުކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ މިއަދު ރ. ކިނޮޅަހަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މަޖިލީހުގައި މުހިންމު މަސައްކަތެއް ނުކޮށް މެންބަރުން ބޭކާރު ޒުވާބުތައް ކުރަމުން ގެންދާތީ އެވާހަކަ ދެއްކުމުން ގޯސްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ ތެރެއިން ބަޔަކު މަސައްކަތް ކުރަންފަށާފައިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށްޓަކައި މިހާރު ބަޔަކު މަސައްކަތްތަކެއް ކޮށްގެން މިއަދު މިތިބީ. ކީއްވެގެންތޯ؟ އެއްކަމަކަށް އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވާ ގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފާޑުކިއީއޭ. އެއްބަޔަކު ދެކޭގޮތުގައި، ދިވެހިރާއްޖޭގައި މިހާރު ވެރިއަކު ނުހުރޭ. ދިވެހިރާއްޖޭގައި ތިބެނީ އެއްވަރުގެ ވެރިން، އެތައް ބައިވަރު ވެރިންތަކެއް. އެހެންވީމާ، ހުރިހާ އެންމެން ދެން ދައުލަތް ހިންގާނެ ގޮތަކަށް ހިންގަންވީ. އެހެންވީމާ، އިސްކޮށް ހުންނަ މީހަކު ނުވާނެ އަނގައިން ބުނެގެނެއް. ބުނެފިއްޔާ ވަކިކޮށްލަންވީ އަވަހަށް،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރުން އަމިއްލައަށް މުސާރަ ބޮޑުކޮށް ގާނޫނެއް ފާސްކުރާއިރު އޭގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރެއް މެންބަރުން ބަލަމުން ނުދާ ކަމަށާއި އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތްކަމާ މެދު ސުވާލު އުފައްދަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"... އެމީހުންގެ މުސާރަތައް، އަމިއްލައަށް ނިންމައި، ފާސްކުރާ ގާނޫނުތަކުން ދައުލަތުގެ ބަޖެޓަށް ކުރާނެ އެއްވެސް އަސަރެއް އެއްވެސް މީހަކު ނުބަލައި، ގާނޫނުތަކާ އެއްޗެހި ފާސްކޮށް، މިއަދު ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަންޖެހެނީ. އަޅުގަނޑުމެން ސުވާލުކޮށްލަން އެބަޖެހޭ، މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެއްތޯ،" ރައީސް ވިދާޅުވި އެވެ.
ކިނޮޅަހުގެ އިތުރުން އެއަތޮޅު ފައިނަށާއި އިނގުރައިދޫ އަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައި ވާއިރު އެމަނިކުފާނު މިރޭ ވަނީ ރ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވެސް ބައްދަލު ކުރައްވާފަ އެވެ.
މިއަދު މެންދުރު ފަހު އިނގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރ. އަތޮޅުގައި އަންނަ އަހަރު އެއާޕޯޓެއް ހުޅުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.