އަންނަ އަހަރު އޮންނަ 10 ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާނެ ތާރީހެއް ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފައިނަލް ވާނެ ކަމަށް ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް) އިން ބުނެފިއެވެ.

ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް) ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަމީން "ސަންއޮންލައިނަށް" ދެއްވި އިންޓަވިއުގައި ވިދާޅުވީ، ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ސައުތު އޭޝިއަން ބޮޑީ ބިލްޑިން ފެޑެރޭޝަނުން ނިންމުމާއި ގުޅިގެން މުބާރާތް ބައްވާނެ ތާރީހެއް ފައިނަލް ކުރުމުގެ މަސައްކަތުގައި ކުޅިވަރާ ބެހޭ މިނިސްޓރީގެ އިސްވެރިންނާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

"މުބާރާތް ބާއްވާނެ ތާރީހެއް ފައިނަލް ކުރުމަށް ސަރުކާރާއެކު ވާހަކަ ދެކެވެމުން ދަނީ. މި ނޮވެމްބަރު މަސް ނިމުމުގެ ކުރިން މުބާރާތް ބާއްވާނެ ވަކި ތާރީއެއް ފައިނަލް ކުރެވޭނެ. މިހާރުވެސް ސަރުކާރުގެ އިސްވެރިން އަދި ސްޕޮންސަރުން ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެން ބަލަނީ މިމަސް ނިމުމުގެ ކުރިން ފައިނަލް ތާރީހެއް ކަނޑައަޅާ ކަމާބެހޭ ފަރާތައް ވީހާ ވެސް އަވަހަކަށް އެކަން އެންގުމަށް" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، އަންނަ އަހަރުގެ މުބާރާތަކީ ވެސް ވާދަވެރި މުބާރާތެއް ކަމަށާއި އެގޮތުގެ މަތިން މުބާރާތް ބާއްވާނެ ތާރީހެއް މުޅިން ފައިނަލްވީ އެންމެ އަވަހަކަށް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ބިލްޑަރުންގެ ފަރިތަކުރުންތައް ފަށާނެ ކަމަށެވެ. އަދި މުބާރާތުން "ގޯލްޑް" މެޑަލް ހޯދޭނެ ވަރުގެ ބިލް ޑަރުން ރާއްޖޭގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ މިގޮތަށް ރާއްޖޭގައި ބާއްވާ ދެ ވަނަ އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތް. އެހެންވެ ވަރަށް ބޮޑު އިންވެސްޓެއް ކުރަންޖެހޭ. މިކުޅިވަރަކީ އެހެން ކުޅިވަރުތަކާ ހިލާފް ކުޅިވަރަކަށްވާތީ އަންނަ އަހަރުގެ ރޯދަމަސް އައުމުގެ ކުރިން މުބާރާތް ބާއްވަން އެބަޖެހޭ. މިމަހު ކުރީ ކޮޅު އިންޑިޔާގެ ނިއުދިއްލީގައި އޮތް ނުވަ ވަނަ (ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް) މުބާރާތުން ވެސް ރާއްޖޭގެ ދެ ބިލްޑަރަކު ވަނީ ތިން ވަނަ ހޯދާފަ. އެނަތީޖާއާ އެކު އަންނަ އަހަރުގެ މުބާރާތުން ރަނގަޅު ވަނައެއް ހޯދަން ވަރަށް މަސައްކަތް އެބަކުރަންޖެހޭ." އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް މުބާރާތެއް ބާއްވާފައި ވަނީ، މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމްގައި ހުންނެވި މުހައްމަދު ވަހީދުއްދީން (ޑީން)ގެ ސައްތައިންސައްތަ އެހީ ތެރިކަމާއެކު 2002 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތް އޮތީ ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.

ނައިބު ރައީސް ޑީން އަކީ 1995 ވަނަ އަހަރު ރާއްޖޭގެ ބޮޑީ ބިލްޑިންފެޑަރޭޝަން އުފެދުނީސްސުރެ، އެފެޑަރޭޝަންގެ ރައީސް ކަން 2010 ވަނަ އަހަރާ ހަމައަށް ކުރެއްވި ބޭފުޅަކަށް ވީއިރު، ސައުތު އޭސިއަން ރީޖަނަލް ބޮޑީ ބިލްޑިން އުފެއްދުމުގައި ވެސް އިސް ރޯލެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

ދިހަ ވަނަ ސައުތު އޭޝިއަން މެންސް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އިތުރުން، އަންނަ އަހަރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މުބާރާތަކީ 14 ވަނަ ގައުމީ ބޮޑީ ބިލްޑިން މުބާރާތެވެ. އެމުބާރާތް މިހާރު ބާއްވަން ނިންމާފައިވާ ތާރީހަކީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފަހު ކޮޅުގައި ކަމަށް އަމީން ވިދާޅުވިއެވެ.