11 Mar 2010, 15:43
19:00
ޖުމްލަ 1،700 މެންބަރުންގެ ތަފާތަކާއެކު ޑީއާރުޕީއަކީ އަނެއްކާވެސް އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ޑީއާރުޕީން އެ ކޮމިޝަނަށް ހުށަހެޅި 2،000 މެންބަރުންގެ ފޯމާ އެކު މިހާރު ޑީއާރުޕީގައި 32،585 މެންބަރުން އެބަތިބި ކަމަށެވެ. ދެ ވަނަ އަށް އެންމެ ގިނަ އެމްޑީޕީގައި ތިބީ 30،883 މެންބަރުން ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނަށް ޑީއާރުޕީން ހުށަހެޅި 2،000 ފޯމްގެ ތެރެއިން 200 ފޯމްގައި ފުރިހަމަވާންޖެހޭ މައުލޫމާތު ނެތުމުގެ ސަބަބުންނާއި އަދި އެހެން ޕާޓީތަކާ ގުޅިފައިވާ މީހުން ޑީއާރުޕީއަށް ވަނުމަށް އެދި ހުށަހަޅާފައިވާ ފޯމާއެކު، ހިމަނަންޖެހޭ ސިޓީ ނެތުމުން ބައެއް ފޯމްތައް ކެންސަލްކުރުމަށްފަހު އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ޑީއާރުޕީގެ ރަޖިސްޓްރާ މުހައްމަދު ސަލީމް މިއަދު ވިދާޅުވީ އެޕާޓީއަށް މެންބަރުން އިތުރުކުރުމަށް ފަށައިފައިވާ ކެންޕޭނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ޑީއާރުޕީގެ މެންބަރުންގެ އަދަދު އިތުރުވެގެން ދިއުން އެއީ އެ ޕާޓީގެ ސިޔާސަތު ރައްޔިތުން ބަލައިގަންނަ ކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް ސަލީމް ވިދާޅުވި އެވެ.
ޑީއާރުޕީއަށް ވަނުމަށް 700 މީހުންގެ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާއިރު، އެމްޑީޕީން ވެސް 3،000 އަށްވުރެ ގިނަ ފޯމް މިއަދު ވެސް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.
ރާއްޖޭގެ އެންމެ މީހުން ގިނަ ޕާޓީ ކަމަށް އެމްޑީޕީން އިއުލާންކޮށް، އެކަން ފާހަގަކުރުމަށް ބޮޑު ޖަލްސާއެއް ބޭއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.