15 Nov 2012, 22:30
އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން "އެމްޑީޕީ ބާޒާރު"ގެ ނަމުގައި ބާޒާރެއް މިއަދު ހުޅުވައިފި އެވެ.
އެމްޑީޕީގެ ހަރަކާތްތައް ހިންގާ އުސްފަސްގަނޑުގައި ހަތަރު ދުވަހުގެ މުއްދަތަށް މިއަދު ފެށި ބާޒާރު ހުޅުއްވައި ދެއްވީ އެމްޑީޕީ ސަރުކާރުގައި އިކޮނަމިކް މިނިސްޓަރުކަން ކުރެއްވި މަހުމޫދު ރާޒީ އެވެ. އަދި ބާޒާރު ހުޅުވުމުގެ ރަސްމީއްޔާތުގައި ކުރީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ވިޔަފާރިވެރިންގެ ޖަމްއީއްޔާއިން އިންތިޒާމް ކުރާ ނައިޓް މާކެޓް ކޮންސެޕްޓަށް މޭޒު ވިއްކައިގެން ކުރިއަށް ގެންދާ އެމްޑީޕީ ބާޒާރު ކުރިއަށް ދާނީ މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށެވެ. އަދި ބާޒާރުގައި މޭޒުތައް ކުއްޔަށް ދޫކުރެވިފައިވާނީ މޭޒެއް 2000ރ. ގެ ރޭޓުން ކަމަށް އެމްޑީޕީން ބުންޏެވެ.
ކޮންމެ ދުވަހަކު ހަވީރު ފަހަކުން ފެށިގެން ރޭގަނޑު 11 ޖެހުމާއި ހަމައަށް ކުރިއަށް ގެންދާ މި ބާޒާރުގައި 17 މޭޒު ބެހެއްޓިފައި ހުންނާނެ ކަމަށް އެ ޕާޓީގެ ފަންޑުރައިޒިން ކޮމެޓީން މައުލޫމާތުދެ އެވެ.
އެ ބާޒާރުން ބަދިގޭގައި ގެންގުޅޭ ތަކެއްޗާއި ހެދުމާއި އަދި އެހެނިހެން ވަރަށް ގިނަ ސާމާނު ލިބެން ހުންނާނެ ކަމަށް އެމްޑީޕީން ބުންޏެވެ.