15 Nov 2012, 22:06
ޖީއެމްއާރުގެ އެގްރިމަންޓް ބާތިލްކުރަން ސަރުކާރަށް ދީފައިވާ މުހުލަތު މިރޭ 12:00 އިގެ ނިޔަލަށް ހަމަވާއިރު ސަރުކާރުން އެކަމަށް އިޖާބަ ނުދީފި ނަމަ މާދަމާ އަނެއްކާވެސް މުޒާހަރާއަށް ނުކުންނާނެ ކަމަށް އެ ހަރަކާތުގެ ހިންގާ ކޮމެޓީން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަން ބީޗުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތުގެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ޖީއެމްއާރު އެއްބަސްވުން ބާތިލް ކުރުމަށް މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ސަރުކާރަށް މުހުލަތެއް ދީފައިވާ ކަމަށެވެ. އެ މުހުލަތުގެ ވަގުތު ހަމަވާ ގަޑިއަކީ މިރޭގެ 12 ޖެހުމާއި ހަމައަށެވެ.
"ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތް" ގެ ހިންގާ ކޮމެޓީގެ މެމްބަރު ސޮބާހު ރަޝީދު "ސަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ބައިވެރިންގެ ފަރާތުން ސަރުކާރަށް ދީފައިވާ އޮތް މުހުލަތު ހަމަވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވެސް އަދި ކަމާއި ބެހޭ މުއައްސަސާ ތަކުންވެސް އެކަމަށް އިޖާބަ ދެއްވާ ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ހޯދައިދޭނެ ކަމުގެ އުއްމީދުގައި ތިބި ކަމަށެވެ. ސޮބާހު ވިދާޅުވީ ދިވެހިންގެ ތެރެއިން މަދު ބަޔަކު ޖީއެމްއާރު އާ އެކު ބައިއަތު ހިފައިގެން ހިންގަމުން ގެންދާ ޖަރީމާ ތަކަކީ ބަލައިގަނެވޭނެ ކަންތައް ތަކެއް ނޫން ކަމަށާއި، ރާއްޖޭގެ މައި ދޮރޯށި ބޭރު ބައެއްގެ އަތް މައްޗަށް ދޫކޮށްލައިގެން ގެއަށް ވަދެ ނުތިބޭނެ ކަމަށެވެ. އަދި ޖީއެމްއާރު މިނިވަން ނުވަނީސް ހަރަކާތް ތަށް ހުއްޓާ ނުލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުއްމީދު ކޮށްގެން މިތިބީ ސަރުކާރުން އިޖާބަ ދެއްވާނެ ކަމަށް. މުހުލަތު ހަމަވާއިރު އިޖާބަ ނުދީފި ނަމަ މި ހަރަކާއްތަށް އެހެން ސްޓޭޖެއްގައި މާދަމާރޭ އަނެއްކާވެސް ފަށާނަން. ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ހޯދައިދީފަ ނޫނީ މި ހަރަކާތްތަށް ހުއްޓައެއް ނުލާނަން،" ސޮބާހު ވިދާޅުވި އެވެ.
އާޓިފިޝަލް ބީޗުގައި މާދަމާ ރޭ އަށެއް ޖަހާއިރު ބާއްވަން ތައްޔާރު ވަމުންދާ ހަރަކާތަކީ ވަރަށް ޚާއްސަ ހަރަކާތެއް ކަމަށްވެސް ސޮބާހު ވިދާޅުވި އެވެ. އަދި އެ ހަރަކާތުގެ ތެރެއިން ހައިރާން ކުރުވަނިވި މެސެޖް ތަކެއް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާދަމާ ރޭގެ ހަރަކާތް ރޭވިފައި އޮތް ގޮތާއި ބެހޭ ތަފްސީލީ މައުލޫމާތު އެއްވުން ފެށުމުގެ ކުރިން ހިއްސާ ކުރަން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއްނުވޭ އިތުރު މައުލޫމާތު އަދި ހިއްސާ ކުރާކަށް. އެހެން ހަދަން މި ޖެހެނީ ޖީއެމްއާރު އޮތީ މިތަނުގެ ދާހިލީ ކަންތައް ތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި. ކަނޑުމަތީ ހަރަކާތް ބޭއްވި ދުވަހުވެސް ފައިސާ ދީގެން ބަޔަކު ނެރުނީ އަޅުގަނޑުމެންނާ ކުރިމަތިލާން. އެދުވަހު އަޅުގަނޑުމެންނަށް އެނގިގެން އެ ދިޔައީ މިތަނުގަ ޖީއެމްއާރު އިތުރަށް ބާއްވައިފި ނަމަ ކުރިއަށް އޮތް ތާނގަ ރާއްޖޭގެ ދާހިލީ މަޝްރަހު އޮންނާނެ ގޮތުގެ ސާފު ތަސައްވުރެއް،" ސޮބާހު ވިދާޅުވި އެވެ.
އެ ހަރަކާތް އިންތިޒާމް ކުރި އެންމެ އިސް އެއްފަރާތް، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ މާދަމާގެ ހަރަކާތްތައް ނިންމާލާނީ ހީވެސް ނުކުރާހާ ބޮޑު ހަރަކާތަކުން ކަމަށެވެ.