މިއަދު ބޭއްވި ގއ. ކަނޑު ހުޅުދޫ ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެނޑިޑޭޓް ކާމިޔާބު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމު ކުރި ވަގުތީ ނަތިޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރިޝާނާ އަބްދުލް އަޒީޒަށް 237 ވޯޓު ލިބިފައިވާއިރު އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ޝަހީމަށް ލިބިފައި ވަނީ 202 ވޯޓެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ޖުމްލަ 439 މީހުން ވޯޓު ލާފައިވާއިރު އޭގެތެރެއިން ބާތިލްވެފައި ވަނީ 17 ވޯޓެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައި ވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީގެ މެންބަރު ޒުބެއިރު ފާރޫގު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

އެންމެ ފަހުން ބޭއްވި މ. އަތޮޅު ކައުންސިލްގެ މުލަކު ދާއިރާގެ ބައި އިލެކްޝަނާއި ލ. މާބައިދޫ ކައުންސިލްގެ ބައި އިލެކްޝަން ވެސް ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމުންނެވެ. އަދި ފ. ބިލެތްދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ އަމިއްލަގޮތުން ވާދަކުރެއްވި ޕީޕީއެމްގެ މެންބަރެކެވެ.