ސަރުކާރުގެ މަސްއޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ހާޒިރު ކުރަން ހުށަހަޅައިފި އެވެ.

ސަރުކާރުގެ މަސްއޫލީއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު މިއަދު ސަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕީޖީ އެ ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް އެދި އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދަށް މިދިޔަ ހަފްތާ ތެރޭގައި ދަންނަވާފައިވާނެ ކަމަށެވެ.

"ސަރުކާރުގެ މަސްއޫލިއްއަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ޕްރޮސިކިއުޓާ ޖެނަރަލް ހާޒިރުކޮށް ދިނުމަށް އެދި އަލީ ވަހީދު ވަނީ މަޖިލީހުގެ އިދާރާގައި އެދިފައި،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޖީ އެ ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށް އެދި ހުށަހެޅީ ކޯނީގެ ރިޕޯޓާއި ގުޅިގެން ޕީޖީއާ ހަވާލުކެރެވިފައިވާ ޒިންމާ ތަކާއި ވާޖިބުތައް އަދާކުރައްވަމުން ނުގެންދަވާ ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. އަދި ކޯނީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ޖިނާއި ބޮޑެތި މައްސަލަތައް ތަހުގީގު ކޮށްދިނުމަށް އެދި ޕީޖީ އަމުރު ނެރެފައި ނުވާތީ އެކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ކޯނީ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ޖިނާއީ ވަރަށް ބޮޑެތި ކުއްތަކެއް އެބަވޭ ކޯނީގެ ރިޕޯޓުގައިވާ ގޮތުން ޖިނާއީ ދައުވާ އުފުލުމާ އަދި ތަހުގީގު ދާގޮތް ބެލުމާ އެއީ ޕްރޮސިކިއުޓާ ޖެނަރަލް ކުރަން ޖެހޭ ކަމެއް. އަދި އެއީ ގާނޫނުގައި ވެސް ބަޔާން ކޮށްފައިވާ ގޮތް،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ މައްސަލަ ވެސް ޝަރީއަތައް ނުފޮނުވި ލަސްވަމުންދާ ސަބަބު ވެސް ޕީޖީގެ ފަރާތުން ސާފު ކުރަން ބައެއް މެންބަރުން ހުށަހަޅާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ވެސް ޖިނާއީ ބައެއް ކުދިކުދި މައްސަލަތައް ވެސް ޝަރީއަތައް ނުފޮނުވި ލަސްވަމުންދާ ސަބަބު ވެސް ސާފުކުރަން ބައެއް މެންބަރުން ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަންނަނަ ހަފްތާ ތެރޭގައި ޕީޖީ އެ ކޮމެޓީއަށް ހާޒިރު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި އެ ކޮމެޓީ ކުރިއަށްދާ ވަގުތު ޓީވީން ލައިވް ކުރުމަށް ވެސް މިހާރު އެދިފައިވާނެ ކަމަށެވެ.