15 Nov 2012, 16:16
މަސްވެރިންގެ ސަބްސިޑީ ދިނުމުގައި ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނި ނަމަވެސް އެކަމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެ ފައިސާ ދޫކުރެވެން ޖެހޭ ކަމަށް މާލިއްޔަތު ކޮމެޓީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
އަސާސީ ހައްގެއް ފިޔަވައި އެހެން ކަމެއްގައި ސަބްސިޑީ ދެވޭނީ ގާނޫނެއްގެ ދަށުން ކަމަށް ވިދާޅުވެ އެކަމާ މެދު މަޝްވަރާކުރުމަށް ފިޝަރީޒް މިނިސްޓްރީން ކޮމެޓީގައި އެދުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއުއާ އެކު މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ ބައްދަލުކޮށް އެ ކޮމެޓީގެ މެންބަރުންގެ އޮޕީނިއަން ޝަފީއުއާ ހިއްސާ ކުރައްވައިފަ އެވެ.
ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި، ނައިބު މުގައްރިރު އަލިފުށީ ދާއިރާގެ މެންބަރު ނާޝިޒް ކޮމެޓީ ފައްޓަވަމުން ވިދާޅުވީ މަޝްވެރިންނަށް ސަބްސިޑީ ދޫކުރާނެ އުސޫލު ކަނޑައަޅައި އެ ފައިސާ ދޫކުރަން އަންގާފައިވާއިރު އެކަމަކީ އަސާސީ ކަމެއްތޯ ކަނޑައަޅައި އެކަން ކުރަން ޖެހޭނީ އެކަމާ ހަވާލުވެ ތިއްބެވި، ފިޝަރީޒް މިނިސްޓްރީކަން ހަދުމަކޮށްދެއްވި އެވެ.
މިހާރު ޖެހިގެން އުޅޭ ގާނޫނީ މައްސަލަ ކޮމެޓީއަށް ބްރީފްކޮށްދެއްވަމުން ޝަފީއު ވިދާޅުވީ މާލިއްޔަތު ގާނޫނަށް ގެނެސްފައި ހުރި އިސްލާހުތަކުގެ ދަށުން އެއްވެސް ސަބްސިޑީއެއް ދެވޭނީ ގާނޫނެއްގެ ދަށުން ކަމަށް ކަނޑައެޅިފައިވާއިރު ބަންޑާރަ ނައިބުވެސް ލަފާދެއްވާފައިވަނީ އަސާސީ ހިދުމަތެއް ކަމުގައިވާނަމަ މަސްވެރިންނަށް ސަބްސިޑީ ދެވިދާނެ ކަމަށް ކަމަށެވެ. އަދި ބަންޑާރަ ނައިބުވެސް އެއީ އަސާސީ ހިދުމަތެއްކަން ކަނޑައަޅާދީފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ.
އެވާހަކަތަކާ ގުޅިގެން ވާހަކަ ދެއްކެވަމުން މެންބަރުން ވިދާޅުވީ ސަބްސިޑީއަކީ އަސާސީ ހިދުމަތެއްކަން ނުވަތަ ނޫންކަން ކަނޑައަޅަން ޖެހޭ ފަރާތަކީ ސަބްސިޑީ ދޫކުރަން ހަވާލުކުރި ފިޝަރިޒް މިނިސްޓްރީ ކަމަށެވެ. އަދި މަސްވެރިންގެ ސަބްސިޑީ ނޫނަސް މިހާރުވެސް އެހެން ސަބްސިޑީތައް ދޫކުރެވެމުން އަންނަ އިރު އެކަމުގައި މައްސަލައެއް ނުނިކުންނަ ކަމަށާއި މަޝްވެރިންގެ ސަބްސިޑީއާ ޖެހުމުން މައްސަލަ ޖެހެނީ ކީއްވެތޯ މެންބަރުން ސުވާލުކުރެއްވި އެވެ. އަދި މަސްވެރިންގެ ސަބްސިޑިއަކީވެސް ގާނޫނު އަސާސީގެ މާއްދާތަކަށް ފެތޭ އަސާސީ ހައްގެއް ކަމަށް ވިދާޅުވި އެވެ.
"ދެން ގާނޫނީ ޕޮއިންޓަށް ވާހަކަ ދައްކާއިރު ގާނޫނު އަސާސީގެ 38 މާއްދާގެ ދަށުންވެސް މި ސަބްސިޑީ ދެވިދާނެހެން. އެއީ 38 ވަނަ މާއްދާގެ 'ހ' ގައި ބުނަނީ ކޮންމެ ރައްޔިތަކަށްމެ އެ މީހުންގެ އިހުތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ މަގު ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށް. އެހެން ކަމުން މިވާގޮތަކީ މެންބަރުންނަށް ސަބްސިޑީ ދިނީމައި މިވާގޮތަކީ އެ މީހުން މި ކުރާ މަސައްކަތަކީ މަސްވެރިކަން ވާތީ އެ ވަޒީފާއަށް އެ މަގުފަހިކޮށް ދެވެނީ. އެހެންވީމައި ނުދެވެންވީ ސަބަބެއް ނެތް. އެ ދެވޭނެ،" ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މަސްވެރިންގެ ސަބްސިޑީއަކީ ބަޖެޓްގައި ފާސްކޮށް ބަޖެޓް ރެކޮމެންޑޭޝަންގެ ތެރޭގައި ހިމެނޭ އަދި ކޮމެޓީން އުސޫލުތަކެއް ކަނޑައަޅާފައިވާ ސަބްސިޑީއަކަށް ވާއިރު އެ ފައިސާ ފިޝަރީޒް މިނިސްޓްރީން ދޫކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް އެގޮތައް ހުރުމުން އެ ފައިސާ ދޫކުރުން ލާޒިމް ވާނެ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުން މަޖިލިސްއިން ދައުލަތުގެ ބަޖެޓް ފާސްކުރާއިރު އިންނާނެ ރެކޮމޭޑޭޝަންލާފައި. ސަރުކާރުން ރިކޮމެންޑޭޝަން ތަންފީޒުކުރަން ޖެހޭނަކަމަށް ފާސްކޮށް ސާފުކޮށް ނިންމާފައި އޮތީ. އެހެންވީމައި އެއަށް އަމަލުކުރަން ޖެހޭނެ،" އިލްޔާސް ވިދާޅުވި އެވެ.
ބިލަތްދޫ ދާއިރާގެ މެންބަރު ހަމްޒާވެސް ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއެއް ދޫކުރުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އޭނާ ތުހުމަތުކުރެއްވީ ބަޖެޓަށް ބުރަ ކުޑަކުރުމަށް ސަރުކާރުން ދައްކާ އުޒުރެއްގެ ގޮތުގަ އެވެ. އަދި ހަމްޒާ ވިދާޅުވީ އެ ސަބްސިޑީ ދޫކުރުމަށް ސީދާ މާލިއްޔަތު ކޮމެޓީން މިނިސްޓްރީއަށް އަންގަންޖެހޭ ކަމަށެވެ. އެމްޑީޕީއަށް ނިސްބަތްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު، މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވީ އެކަމުގައި ގާނޫނީ މައްސަލައެއް އުޅޭ ކަމަށްވާނަމަ ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް ދާންޖެހޭ ކަމަށެވެ. ނަމަވެސް އެއީ އަސާސީ ހައްގެއްކަން ކަނޑަނޭޅިގެން މަސްވެރިންގެ ސަބްސިޑީ ނުދެވި ތިބެންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅުގެން ޝަފީއު ވިދާޅުވީ ސަބްސިޑީ ދިނުމަށް އެ މިނިސްޓްރީންވެސް ބޭނުންވާ ކަމަށާއި އެ ފައިސާ ހިފަހައްޓަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ކަމެއް ތަންފީޒުކުރަން ހުރި މީހެއްގެ ހައިސިއްޔަތުން އެކަމަކީ ގާނޫނުން ކުރެވޭނެ ކަމެއްކަން ފުރަތަމަވެސް ސާފުކުރަން ޖެހޭނެ ކަމަށާއި އޭގެ ކުރިން އެކަން ކުރެވެން ނޯންނާނެ ކަމަށެވެ.
"އެކަން މީހަކުނުވެސް ހިފަހައްޓާ. ދޫނުކުރާކަށްވެސް ނޫޅެން. އެކަމަކު އެކަން ތަންފީޒު ކުރަން ހުރި މީހެއްގެ ހައިސިއްޔަތުން މިދެންނެވިހެން އޭގެ ގާނޫނީ މައްސަލަތައް ބަލަން ޖެހޭނެ،" ޝަފީއު ވިދާޅުވި އެވެ.
މެންބަރުންގެ ވާހަކައަށް ރިއާޔަތް ކުރައްވާ މުގައްރިރު ނާޝިޒް ވަނީ މެންބަރުންގެ ވާހަކަ ހުލާސާކޮށް މިނިސްޓަރަށް ވިދާޅުވެ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ ކ ގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށަކާއި އެކަށީގެންވާ މިންވަރަށް ކަރަންޓްގެ ހިދުމަތް ހުންނަންވާނެ ކަމަށް ބުނެފައިވާ ކަމަށާއި ކަރަންޓް ސަބްސިޑީވެސް ދެވެނީ އެ އުސޫލުގެ ދަށުން ކަމަށެވެ.
"ސަރުކާރުން ހުއްޓުމެއް ނެތި ދެމުން އެނގެންދަނީ ކަރަންޓް ސަބްސިޓީވެސް މީގެ ދަށުން. އަނެއްކާ މަސައްކަތްކުރުމުގެ ހައްގުގެ މާއްދާގެ ދަށުން އަޅުގަނޑުމެންނަށްވެސް ވަރަށް އުނދަގޫ އެއީ ނުދެވޭނެ އެއްޗެކޭ ބުނަން. އަދި އަސާސީ ކަންކަމުގައި ނުހިމެނޭނެ އެއްޗެކޭ ބުނަން،" ނާޝިޒް ވިދާޅުވި އެވެ.
ކޮމެޓީން ނިންމާލައްވަމުންވެސް ނާޝިޒް ވިދާޅުވީ؛ "ސަބްސިޑީ ވީ އެންމެ އަވަހަކަސް ރައްޔިތުންނަށް ދިނުމަކީ ކޮމެޓީގެ ވިސްނުން. އަދި ގިނަ މެންބަރުންގެ ލަފަޔަކީވެސް، ގާނޫނުން ފެންނަގޮތަށް ބަލާފައި ގާނޫނީ ގޮތުން ހުރަހެއް އޮތް ކަމަށް އެއްވެސް ބޭފުޅަކު ގަބޫލުނުކުރެއްވުން. މިކަން ސާފުވީކަމަށް އުންމީދު ކުރަން. އެއީ އަޅުގަނޑުމެންގެ ވިސްނުން."