އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އިއްޔެއިން ފެށިގެން ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 11 މީހުން ޝަހީދުވެއްޖެ އެވެ.

އިއްޔެއިން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް އިސްރާއީލުގެ މަތިންދާ ބޯޓްތަކުން ޣައްޒާއަށް 70 އަށް ވުރެ ގިނަ ހަމަލާދީފައިވާ ކަމަށާއި އެހަމަލާތަކުގައި ފަލަސްތީނުގެ 11 މީހުން ޝަހީދުވި ކަމަށް ފަލަސްތީނުގެ ސިއްހީ ދާއިރާގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ. އެ އެޖެންސީން ބުނީ މަރުވިމީހުންގެ ތެރޭގައި ކުޑަ ދެކުދިންނާއި އަންހެނަކު ހިމެނޭ ކަމަށެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މަރުވިމީހުންގެ އިތުރުން 100 މީހުން ޒަހަމްވި އިރު އޭގެ ތެރޭގައި 15 ކުދިންނާއި 18 އަންހެނުން ހިމެނެ އެވެ.

އިސްރާއީލުގެ އުދުވާނަށް ރައްދުދިނުމުގެ ގޮތުން ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތާއި އެހެނިހެން ބައެއް ޖަމާއަތްތަކުން އިސްރާއީލަށް 200 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ދިން ކަމަށާއި އެ ހަމަލާތަކުގައި އިސްރާއީލުގެ ތިން މީހުން މަރުވެފައިވާ ކަމަށް ވެސް އަލްޖަޒީރާ ބުންޏެވެ.

އިސްރާއީލުން ޣައްޒާއަށް ކެނޑިނޭޅި ހަމަލާތައް ދެމުން ގެންދާއިރު އެ ކަން ކުށްވެރި ކުރުން ނޫން އެއްވެސް ކަމެއް ވަށައިގެން ހުރި އަރަބި ގައުމުތަކުން މިހާތަނަށް ކޮށްފައެއް ނުވެ އެވެ
.
ނަމަވެސް އެމައްސަލައިގާ މަޝްވަރާކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް މިސްރުން އެދިފައިވާނެ ކަމަށް އެގައުމުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.