ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ހެނދުނު ސައި ތައްޔާރު ކުރި މާރުކޭޓް ހޮޓަލުގައި ކާބޯތަކެތި ގެންގުޅޭ ގޮތް ރަނގަޅު ކުރުމަށް އަންގައި، އެކަންތައް އިސްލާހު ކުރެވެންދެން މާރުކޭޓް ހޮޓާ ބަންދު ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.

އެމްއެފްޑީއޭގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް އިބްރާހިމް ޝާފިއު މިއަދު ވިދާޅުވީ މަޖިލީހުގެ މެންބަރަކާއި މުވައްޒަފުން ކާނާ ވިހަވެފައި ވަނީ މާރުކޭޓް ހޮޓަލުން ގެނައި ކުޅިމަހުގައި އާދަޔާ ހިލާފަށް ހިސްޓަމިން (މަހުގެ ތާޒާކަން ކެނޑުމުން ޖަރާސީމު އަށަގަތުމުން އުފެދޭ މާއްދާއެއް) ހުރުމުން ކަމަށެވެ. މަޖިލީހުގެ ހެނދުނު ސަޔަށް ގެނައި ތަކެތި ތައްޔާރުކޮށްފައި ވަނީ މާރުކޭޓް ހޮޓަލުގައި ކަމަށް ޝާފިއު ވިދާޅުވި އެވެ.

މުހައްމަދު ތައުފީގު (ސައުތު ތަފީގު) ހިންގަމުންދާ މާރުކޭޓް ހޮޓަލުގައި މަސް ފިނިކުރުމުގެ ނިޒާމް ރަނގަޅު ކަމަށާއި ނަމަވެސް އެ ހޮޓަލަށް ގަންނަ މަސް ބޭނުން ކުރުމުގެ ތެރޭ ކޮންމެ ވެސް ހިސާބަކުން ހިސްޓަމިން މަހުގައި އެކުލެވޭ ކަމަށް ޝާފިއު ވިދާޅުވި އެވެ. އެހެން ދިމާވަނީ ފިނިނުކޮށް ގިނައިރު ބެހެއްޓުމުން ކަމަށް ވެދާނެ ކަމަށާއި އަދި މަސް ގަނެގެން ކެއްކުމާ ދޭތެރޭގައި ގިނަ އިރު ވެއްޖެނަމަ ވެސް އާދަޔާ ހިލާފަށް ހިސްޓަމިން އެކުލެވިދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ހޮޓަލުގެ ފިނިކުރުމުގެ ނިޒާމް ރަނގަޅު، ގޯހެއް ނޫން. އެހެންނަމަވެސް މަސް ގަތުމުގެ ކުރިން ބަލަންޖެހޭ. ރަނގަޅު ޓެންޕަރޭޗާގަތޯ ނުވަތަ މަސް ގަނެގެން ކެއްކުމާ ދޭތެރޭގައި ގިނައިރު ވިތޯ، އެ ހުރިހާ ކަމެއް ބަލަންޖެހޭ. އެއަށްފަހު އަޅުގަނޑުމެންވާނެ ދަންނަވާފައި އެކަންތައްތައް ރަނގަޅު ކުރަން،" ޝާފިއު ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ މާރުކޭޓް ހޮޓާ ދެން ހުޅުވުމުގެ ހުއްދަ ދެވޭނީ އެމްއެފްޑީއޭއިން އިސްލާހު ކުރަން އެންގި ކަންތައްތައް ތަންފީޒު ކުރުމުން ކަމަށެވެ. އެމްއެފްޑީއޭއިން އަންގައިގެން މާރުކޭޓް ހޮޓާ ބަންދުކޮށްފައިވާއިރު، އެތަނުގެ ބޭރުގައި ޖަހާފައި ވަނީ މަރާމާތައް ބަންދުކޮށްފައިވާ ކަމަށެވެ.

މަސްވެރިންނާއި ދަތުރުވެރިންގެ ހޮޓަލުގެ ގޮތުގައި މަޝްހޫރުވެފައިވާ މާރުކޭޓް ހޮޓާ ބަންދު ކުރުމަށް އަންގާފައިވާއިރު، އެތަނުން މަޖިލީހަށް ކާނާ ތައްޔާރު ކުރާ ކަމެއް މީގެ ކުރިން އެނގިފައެއް ނުވެ އެވެ. ނަމަވެސް މަޖިލީހަށް ކާނާ ތައްޔާރު ކުރަނީ ސައުތު ބީޗުން ކަމަށް ރޭ ބޭއްވި އާންމު ކޮމެޓީގައި ސައުތު ތައުފީގު ވިދާޅުވެފައިވެ އެވެ.