ރައްޔިތުން މަޖިލީހުގެ ފަރާތުން އެކި ދަތުރުތައް ކުރުމަށް 2010 ވަނަ އަހަރު އެކި އެއާލައިންތަކުން ނަގާފައިވާ ޓިކެޓްގެ ހަރަދަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާކަން ރައްޔިތުން މަޖިލީހުގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ މަޖިލީހުގެ އެކި ބޭނުން ތަކުގައި ދަތުރުކުރުމަށް ނެގި ޓިކެޓް ހަރަދުގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް އެ ޓިކެޓްތައް ކޮޓޭޝަން ހޯދާފައިވާ ކަމުގެ އެއްވެސް ލިޔެކިއުމެއް މަޖިލީހުގެ އިދާރާގައި ނެތް ކަމަށެވެ. އަދި އެންމެ އަގުހެޔޮކޮށް ޓިކެޓް ހޯދުމުގެ މަގުސަދުގައި، "ފްލައިބައި ޓްރެވަލް" އިން ނެގި ޓިކެޓްތަކަކީ އެއާލައިން ތަކުން ވިއްކާ ޓިކެޓަށް ވުރެ މާއަގުބޮޑުކޮށް ގަނެފައިވާ ޓިކެޓްތަކެއް ކަމަށްވެސް އޮޑިޓްގައިވެ އެވެ.

"އެ ޓިކެޓްތަކަކީ މާ އަގުބޮޑުކޮށް ގަނެފައއިވާ ޓިކެޓްތަކެއްކަމުން ދައުލަތުގެ މާލިއްޔަތުން ގަވާއިދުގެ 5.01 ގައިވާ ގޮތުގެ މަތިން އިދާރާއަށް ޓިކެޓް ބައްލަވައި ގަނެފައިވަނީ ދައުލަތަށް އެންމެ ފައޮދާ ބޮޑު ގޮތަކަށް ނޫނެވެ،" އޮޑިޓްގައިވެ އެވެ.

އެފަދަ ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކޮށްގެން ދަތުރުކޮށްފައިވާއިރުވެސް ދަތުރުގައި ގެންދާ ބޭރު ފައިސާގެ ރިޕޯޓާއި ދަތުރުގެ ރިޕޯޓްވެސް ހުށަހަޅާފައި ނުވާ މައްސަލަ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އެ ފައިސާއިން ކުރެވުނު ހަރަދުތަކާއި ތަފްސީލް ނޭންގޭތީ އެ ދަތުރުގެ މަގުސަދު ހާސިލްވި މިންވަރެއް ބުނަން ނޭންގޭ ކަމަށެވެ.

އަދި ރަސްމީ ބައެއް ދަތުރުތަކުގެ ތެރެއަށް އަމިއްލަ ދަތުރުތައްވެސް ހިމަނައި ޓިކެޓްގެ އަގަށް ފައިސާ ނަގާފައިވާ މައްސަލައެއްވެސް އޮޑިޓާ ޖެނެރަލް ވަނީ ފެންމަތިކުރައްވައިފަ އެވެ. އެގޮތުން މަޖިލީހުގެ ދެ މެންބަރެއްގެ ރަސްމީ ދަތުރެއްގައި އަމިއްލަފުޅު ދަތުރުތަކެއް ހިމަނަން ބޭނުންވާތީ ދަތުރުގެ ޓިކެޓް އަމިއްލަފުޅަށް ބައްލަވައިގަނެ ދަތުރުތަކުގައި ހިމެނޭ ރަސްމީ ބައިތަކުގެ އަގަށްވާ ފައިސާ ހޯދުމަށް އިދާރާއަށް ހުށަހެޅި ބިލުގައިވާ ގޮތައް އިދާރާއިން އެ ބިލަށް ފައިސާ ދެއްކި ކަމަށެވެ. އަދި ފައިސާ ދެއްކުމުގައި އެއް ޓިކެޓަށްވާ ފައިސާ އިދާރާއިން ދޫކުރީ 1284 ޑޮލަރު އިތުރަށް ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

އަދި ދަތުރުކުރަން ޓިކެޓް ނެގުމަށް ފަހު ދަތުރުކުރާ ދުވަހަށް ބަދަލުގެނައުމާއި ޓްރާންސިޓް ކުރުމުގައި ބައެއް ގައުމުތަކަށް އެތެރެވުމުގައި ދައްކަން ޖެހޭ ވިސާފީގެ ގޮތުގައި 12،285ރ. ދައްކާފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
އެ ކަން އިސްލާހު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތައް އަމަލުކުރުމެވެ. މީގެ އިތުރުން އަމިއްލަ ބޭނުންތަކަށް ކުރައްވާފައިވާ ދަތުރުގެ ހަރަދުތަކާއި ވިސާފީގެ ގޮތުގައި ދައްކާފައިވާ ފައިސާ ހޯދަން ވަނީ އަންގަވައިފަ އެވެ.