15 Nov 2012, 14:11
ކުރިޔަށްއޮތް ދިހަ އަހަރު ޗައިނާގެ ރައީސަކަށް އެޤައުމުގެ ކޮމިއުނިސްޓް ޕާޓީން އިޚްތިޔާރުކުރި ޝީޖިންގްބިންގް ގެ ކުރިމަފުޅުމަތީގައިއޮތް އެންމެ ބޮޑު ވާޖިބަކީ މިމުއްދަތުގައި ދުނިޔޭގެ އިޤްތިސާދީ އެންމެ ބޮޑު ބާރަކަށް ޗައިނާ ހަދައި ދުނިޔޭގެ އިޤްތިސާދު ކޮންޓްރޯލްކުރުން ކަމަށް އެޤައުމުގެ ޒިންހުވާ ނޫސްއެޖެންސީ ން ބުނެފިއެވެ.
ޗައިނާގެ ނައިބު ރައީސް ކަމުގެ މަޤާމުގައި މިހާރު ހުންނެވި އުމުުރުން 59 އަހަރުގެ ޝީޖިންގްބިންގް އެޤައުމުގެ ރައީސް ކަމާ ޙަވާލުވެވަޑައިގަންނަވާނީ މިހާރުގެ ރައީސް ހޫޖިންޓާއޮގެ ރިޔާސީ ދައުރު އަންނަ މާޗް މަހު ހަމަވުމާއެކު މާޗްމަހުގެ ތެރޭގައެވެ. ޗައިނާގެ ރައީސް ކަމުގެ އިތުރުން އެޤައުމުގެ ކޮމިއުނިސްޓް ޕާޓީގެ ޒަޢީމަކަށްވެސް ޝީޖިންގްބިންގް ވަނީ އިޚްތިޔާރުކޮށްފައެވެ. ޝީޖިންގްބިންގް އާއެކު ޗައިނާގެ މުޅި ލީޑަރޝިޕް ޒުވާންވެ އައުވެގެންދާނެއެވެ. ޗައިނާގެ އައު ލީޑަރޝިޕްގައި ހަ ބޭފުޅަކު ހިމެނެއެވެ. ޗައިނާގެ ލީޑަރޝިޕް އައުކުރުމަށް އެޤައުމުގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން ބޭއްވި 18 ވަނަ ބޮޑު މަހާސިންތާ ގައެވެ.
އެއްހަފްތާއަށް ދިގުދެމިގެންދިޔަ މި މަހާސިންތާ ނިމުނީ އިއްޔެއެވެ. މިމަހާސިންތާގައި ޝީޖިންގްބިންގް ދެއްވި ޚިތާބުގައި ޗައިނާއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ގޮންޖެހުމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ފަސާދައާއި ކޮރަޕްޝަނުގެ ވަބާއެވެ. މިމަހާސިންތާގައި މިހާރުގެ ރައީސް ހޫޖިންޓާއޮވެސް ފާހަގަކުރެއްވި އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަނުގެ މައްސަލައެވެ. ޗައިނާގެ ތަރައްޤީ އާއި ކުރިއެރުމަށް ކުރިމަތިވާނެ ކަމަށްބެލޭވެ އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ކޮރަޕްޝަނުގެ މައްސަލަ ފާހަގަކުރައްވަމުން ހޫޖިންޓާއޮވަނީ ކޮރަޕްޝަނުގެ ނުބައިކަމުން ޤައުމު ސަލާމަތް ކުރެއްވުމަށް އެޤައުމުގެ ވެރިކަމާ ޙަވާލުވެވަޑައިގަންނަވާ އައު ލީޑަރޝިޕް އަށް ގޮވާލައްވާފަ އެވެ.
ދުނިޔޭގެ ދެވަނަ އިޤްތިސާދުގެ ގޮތުގައި މިހާރުއޮތް ޗައިނާގެ އިޤްތިސާދީ ކުރިއެރުން މިހާރުދާގޮތަށް ކުރިޔަށްދާނަމަ ކުރިޔަށްއޮތް 7 އަހަރު ތެރޭގައި އެމެރިކާއާ ޗައިނާ ފައިހަމަކުރާނެކަމަށް އިޤްތިސާދީ ލަފާކުރުންތަކުން ދައްކައެވެ. އަދި ޝީޖިންގްބިންގް ގެ ދިހައަަހަރުގެ ރިޔާސީ ދައުރު ނިމުގެކުރިން އެމެރިކާ ފަހަތައް ޖައްސާލުމަށްފަހު ދުނިޔޭގެ އެއްވަނަ އިޤްތިސާދީ ބާރުގެ ގޮތުގައި ޗައިނާވެގެންދާނެއެވެ. ނަމަވެސް ހަތިޔާރާއި ޢަސްކަރީ ބާރުވެރިކަމުގެ އެއްވަނަ ބާރުގެ ގޮތުގައި އިތުރު މުއްދަތަކަށް ބައިނަލްއަޤްވާމީ މަސްރަޙުގައި އެމެރިކާ ދެމިއޮންނާނެ އެވެ.
ކުރިޔަށްއޮތް މަދުއަހަރުތަކުގައި ދުނިޔޭގެ އެންމެ ބާރުގަދަ އިޤްތިސާދަށް ޗައިނާވެގެން ދިޔަނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެމެރިކާއަށްވުރެ ޗައިނާގައި ދަށްވާނެ ކަމަށާ ޗައިނާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެމެރިކާއާ ހަމައަށް ދިޔުމަށް އިތުރުމުއްދަތެއް ނަގާނެކަމަށް ދިރާސާތަކާއި އިޤްތިސާދީ ލަފާކުރުންތައް ބުނެއެވެ. (ނޫސްއެޖެންސީތައް)