19 Sep 2010, 08:31
ޑީއާރްޕީގެ ލެޓާހެޑްގައި ޕާޓީގެ އިސް ދެ ލީޑަރަކު ސޮއިކުރައްވައި ނޫސް ބަޔާނެއް ނެރުނު މައްސަލަ ބައްލަވާނެ ކަމަށާއި އޭގައި ފިޔަވަޅު އަޅަން ޖެހޭ ކަމެއް އޮތް ނަމަ އެ މައްސަލަ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީގެ އަމީން އާއްމު އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ މުޒާހަރާއެއް ބާއްވާ ކަމަށް ބުނެ ޑީއާރްޕީގެ ލޯގޯޖެހި ލެޓަހެޑްގައި ނޫސް ބަޔާނެއް ނެރުނު މައްސަލަ ފުރަތަމަ ބަލާނީ ޕާޓީގެ އޮފީހުން ކަމަށާއި އޭގެ ފަހުން އެ މައްސަލަ ކައުންސިލަށް ފޮނުވާނީ އިތުރަށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަދަ ކަމެއް އެކަމުގައި ވާނަމަ ކަމަށެވެ.
"އަދި އެއް އެ މައްސަލައެއް ނުބަލާ، އެކަމަކު ބަލާނެ، ފުރަތަމަ ބަލާނީ ޕާޓީ އޮފީހުން، ކައުންސިލާ ހަމައަށް ދާނީ އޭގެ ފަހުން،" އަބްދުއްރަޝީދު ނާފިޒު ވިދާޅުވި އެވެ.
ނޫސް ބަޔާނުގެ މައްސަލައިގައި ޕާޓީން ފިޔަވަޅު އަޅުއްވާނެތޯ ދެންނެވުމުން އޭނާ ވިދާޅުވީ "އެކަން އެނގޭނީ ބެލީމަ" ކަމަށާއި ބަލަން ޖެހޭ ބައިވަރު ކަންތައް އެބަހުރި ކަމަށެވެ.
"ބައިވަރު ކަންތައް އެބަހުރި ބަލަން ޖެހޭ. ދެ ބަޔާނެއް ނުކުތީ ކީއްވެގެންތޯ؟ ލޯގޯ ލިބުނީ ކިހިނެއްތޯ މިހުރީ ހައްތާ ވެސް ބަލަން ޖެހޭ ކަންތައްތައް،" އަބްދުއް ރަޝީދު ނާފިޒު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ނޫސް ބަޔާނުގައި މައްސަލައިގައި ކަންތައް ދާ ގޮތުގެ އިތުރު ޑިވެލޮޕްމެންޓެއް ދެވޭނީ ދެ ދުވަހެއް ފަހުން ކަމަށެވެ.
ޑީއާރްޕީގެ ދެ ނޫސް ބަޔާނެއްގެ މައްސަލައެއް ފެންމަތިވީ ޕާޓީގެ އިސް ލީޑަރުންތަކެއް ގުޅިގެން "ގާންނާނެއްބާ ސަރުކާރު"ގެ ނަމުގައި މުޒާހަރާއެއް ބޭއްވުމަށް ނިންމައި އެސްއެމްއެސްތަކެއް ސާކިއުލޭޓް ކުރި ހިސާބުން ފެށިގެންނެވެ.
އެ އެސްއެމްއެސްތަކާ ގުޅިގެން ޑީއާރްޕީގެ ލެޓަހެޑުގައި ނޫސް ބަޔާނެއް ނެރެ، ޕާޓީން މުޒާހަރާއެއް ކުރަން ނިންމާފައިނުވާނެ ކަމަށާއި އެއީ ދޮގު އެސްއެމްއެސްތަކެއް ކަމަށް ވަނީ ބުނެފަ އެވެ. ޕާޓީގެ ލޯގޯ ޖެހި ލެޓަހެޑްގައި މުޒާހަރާއަކީ ޑީއާރްޕީގެ މުޒާހަރާއެއް ކަމަށް ބުނެ ޕާޓީގެ ނައިބު ލީޑަރު އުމަރު ނަސީރާއި އިލްހާމް އަހުމަދު ބަޔާނެއް ނެރުނީ މިދިޔަ ހުކުރު ދުވަހު އެވެ.
ނައިބު ލީޑަރު އިލްހާމް މިއަދު ވިދާޅުވީ އޭނާ އާއި އުމަރު ނަސީރު ސޮއިކޮށް ނެރުނު ބަޔާނަކީ ސައްހަ ބަޔާނެއް ކަމަށާއި ބަޔާން ނެރެފައި ވަނީ ގާނޫނާއި ޕާޓީގެ އަސާސީ ގަވައިދުގެ ހުދޫދުގެ ތެރެއިން ކަމަށެވެ.