ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި މުވައްޒަފުން ކާނާ ވިހަވީ އިއްޔެ ހެނދުނު ސައިފޮދަށް ގެނައި ކުޅިމަހުގައި ހިސްޓަމިންގެ (މަހުގެ ތާޒާކަން ކެނޑުމުން ޖަރާސީމު އަށަގަތުމުން އުފެދޭ މާއްދާއެއް) މިންވަރު އިތުރުވެގެން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެފްޑީއޭގެ ޑިރެކްޓަރު ޖެނަރަލް ޝަރީފާ އާދަމް މަނިކު ސަންއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މަޖިލިސް މެންބަރުންގެ ސައިފޮދަށް އިއްޔެ ގެނައި ކާއެއްޗެއްސާއި މެންބަރުންގެ ސައިފޮދު ސަޕްލައި ކުރާ ސައުތު ބީޗުގެ ތިން ބާވަތެއްގެ ކާނާގެ ސާމްޕަލްތައް ނަގައި ތަހުލީލުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ތަހުލީލުތަކުން ދައްކަނީ މެންބަރުން ކާނާ ވިހަވީ އެ ބޭފުޅުން ކެއިންބެއްލެވި ކުޅި މަހުގައި އާދަޔާ ހިލާފަށް ހިސްޓަމިން އިތުރުވެގެން ކަމަށް ޝަރީފާ ވިދާޅުވި އެވެ.

"ހިސްޓަމިން ހައި މިވަނީ ތާޒާކަން ކުޑަވެފަ ހުންނަ މަހުގައި. އޭއީ ކުނިވާން ފަށާފައިވާ މަސް. އަދި މަސް ކެއްކުމުގެ ކުރިން މަހުގައި ފިނިކަން ހުންނަންޖެހޭ ވަރަށް ވުރެ ފިނިކަން ކުޑަވުމުން ޖަރާސީމު އަށަގަނެގެން އުފެދެނީ ހިސްޓަމިން މާއްދާ،" ޝަރީފާ ވިދާޅުވި އެވެ.

ހިސްޓަމިން ހައިވެފައިވާ ކާނާ ކެއުމުން ކެމިކަލް ރިއެކްޝަނެއް ހަށިގަނޑަށް އަންނާނެ ކަމަށާއި އެގޮތުން ގައިގައި ފިތް ނެގުމާއި ބޮލުގަ ރިއްސުމާއި އަބުރައިގަތުން ފަދަ ގޮތްތައް މެދުވެރިވެދާނެ ކަމަށް ޝަރީފާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ސަބަބުން ފުރާނައަށް ގެއްލުންވާނީ ވަރަށް ބޮޑުވަރުވެ ފަރުވާ ނުދެވިއްޖެ ހާލަތެއްގައި ކަމަށް ޝަރީފާ ވިދާޅުވި އެވެ.

ކާނާގައި ހިސްޓަމިން އިތުރުވުމުން "ކެމިކަލް ޕޮއިޒަނިން"ގެ އަސަރު ތަހުލީލުތަކުން ފެނުނު ނަމަވެސް އަދިވެސް އެ އޮތޯރިޓީން ކުރަމުންދާ މަޖިލީހުގެ ކާނާގެ ތަހުގީގު ހުއްޓާނުލާ ކަމަށް ޝަރީފާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭ ތަހުގީގުތައް ނިންމައި މަޖިލީހާ ހިއްސާ ކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ ކާނާ ވިހަވެގެން ހިތަދޫ މެދުދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި މަޖިލީހުގެ ތިން މުވައްޒަފަކާއި ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ތިން މީހަކަށް އިއްޔެ ވަނީ އައިޖީއެމްއެޗުން ފަރުވާދީފަ އެވެ. ނަމަވެސް އެބޭފުޅުންގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މަޖިލީހުގައި ކާނާ ވިހަވި މައްސަލާގައި އެމްއެފްޑީއޭއާއެކު ސީސީއެޗްޑީސީއާއި ހެލްތު މިނިސްޓްރީ ކަމާބެހޭ ސެކްޝަންތަކުން ވެސް ތަހުގީގުގައި ބައިވެރިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވީ މެންބަރުންނަށް ސިއްހީ ގޮތުން އިއްޔެ ދިމާވި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށާއި އެމްއެފްޑީއޭ އާއި އެމްއެންޑީއެފަށް ދަންނަވާފައިވާ ކަމަށެވެ. އެ މައްސަލަ ސީރިއަސްކޮށް ބަލައްވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.