15 Nov 2012, 12:50
ސިފައިންގެ ކުލަ ހެދުން ޔުނީފޯމްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ބޭނުން ކުރަމުން އައި ކަޅު ފަށް އެޅި ހުދު ގަމީިސް ބޭނުން ނުކުރާތާ 22 އަހަރަށް ފަހު އަލުން އެގަމީސް ބޭނުންކުރަން ފަށައިފި އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސިފައިންގެ އެންމެ މަތީ ރޭންކްތަކުގެ އޮފިސަރުން ފެށިގެން ވަނީ އެ ހެދުން ބޭނުންކޮށްފަ އެވެ. އެ ގަމީސް އަލުން ބޭނުން ކުރަން ފަށައިފައިވަނީ ބަދަލުތަކަކާ އެކު އެވެ.
އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ 03 ނޮވެމްބަރު 1988 ގެ ކުރިން ސިފައިން ބޭނުންކުރަމުން ގެންދިޔަ އެ ހެދުން ރޭގެ ރަސްމިއްޔާތުގައި ގިނަ ސިފައިން ބޭނުންކޮށްފައިވާ ކަމަށާއި ބައެއް ކަހަލަ ރަސްމިއްޔާތުތަކުގައި ސިފައިން ޔުނީފޯމް އެޅުމުގެ ބަދަލުގައި އެ ހެދުން (ފަށް ގަމީސް) ބޭނުން ކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަލުން އެ ގަމީސް ބޭނުން ކުރަން ފަށައިފައިވާއިރު އެމީހެއްގެ ރޭންކް ގަމީހުގައި ބޭނުންކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ގަމީސް ބޭނުން ކުރާ ގޮތަށް ސިފައިންގެ ލީޑާ ޝިޕް އިން ނިންމީ ސިފައިންގެ ތެރޭގައި ކުރީގެ ކަންތައްތައް އުވި ދާތީ އެކަންތައްތައް އާލާކޮށް ދިރުވުމަށް. އެހެންވެ އެ ގަމީސް ވެސް ޔުނީފޯމެއްގެ ގޮތުގައި ނޫން ނަމަވެސް ބައެއް ކަހަލަ ރަސްމިއްޔާތު ތަކުގައި ބޭނުން ކުރަން ނިންމީ، އެގޮތުން ރޭގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ އެގޮތަށް އެ ގަމީސް ބޭނުން ކުރީ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.
ސިފައިން ކުލަ ހެދުމުގެ ބަދަލުގައި ބޭނުން ކުރަމުން ގެންދިޔަ އެގަމީސް އެންމެ ފުރަތަމަ ބޭނުން ކުރަން ފަށައިފައިވަނީ 12 އެޕްރީލް 1958 އެވެ. އެ ގަމީސް ބޭނުންކުރުން ހުއްޓާލައިފައިވަނީ 03 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނާ ގުޅިގެން ސިފައިންގެ ތެރެއަށް އައި ބަދަލުތަކާ ގުޅިގެން 1990 ގަ އެވެ. އޭރު ސިފައިންނަށް އާއްމުގޮތެއްގައި ބޭރުތެރެއަށް ނުކުމެ އުޅޭއިރު ކުލަ ހެދުން އަޅައިގެން ނޫޅެވެ އެވެ. އެގަމީސް އޭރު ބޭނުންކޮށްފައިވަނީ އެމީހެއްގެ ރޭންކް ވެސް ގަމީހުގައި ޖަހައިގެންނެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު ސަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީޑުގެ ދެ ކަނބަލުންނެވެ. އެ ރަސްމިއްޔާތުގައި ނަސްރުގެ ދުވަހާ ގުޅޭ ވަރަށް ގިނަ ހަރަކާތްތައް ދައްކާލުން އޮތެވެ. އެ ރަސްމިއްޔާތުގައި ނަސްރުގެ ދުވަހާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ލަވަ ސީޑީ ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ރޭގެ ރަސްމިއްޔާތަށް ޖަމާވެފައިވާއިރު އެ ރަސްމިއްޔާތު ނިމިގެން ދިޔައީ ސިފައިންގެ ބަޑިބޭހުގެ ކުޅިވަރުތަކާ އެކު އެވެ.