މިއަހަރުގެ ޖެނުއަރީ އެކެއްގައި ތައާރަފްކުރި ޔުނިވާޝަލް ހެލްތް އިންޝުއަރެންސް ސްކީމް، އާސަންދައަށް 10 މަސް، ފާއިތުވީއިރު އެ ސްކީމަށް ކަނޑައެޅުނު ބަޖެޓުން ބާކީ އޮތީ 45 މިލިއަން ރުފިޔާކަން ހާމަވެއްޖެ އެވެ.

މުޅިން ހިލޭ ބޭސްފަރުވާ ކުރެވޭ އެ ނިޒާމަށް ހަރަދުކުރަން މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވަނީ 720 މިލިއަން ރުފިޔާ އެވެ.

އާސަންދަ ކުންފުނިން ސަން އޮންލައިންއާ ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އޮކްޓޯބަރު މަހުގެ 31 އާ ހިސާބަށް 261،410 މީހުން އެ ނިޒާމުން ހިދުމަތް ހޯދާފައިވާއިރު 675 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. ރާއްޖޭގެ ޖުމްލަ އާބަދީއަކީ 320،081 ކަމަށްވާއިރު އެ ނިޒާމުގެ ތެރެއިން އާބާދީގެ 81 ޕަސެންޓް މީހުން ވަނީ ހިދުމަތް ހޯދާފަ އެވެ.

އެ ހަރަދުގެ ތެރެއިން 45 ޕަސެންޓް ހަރަދުކުރީ ސަރުކާރުގެ ހޮސްޕިޓަލްތަކަށެވެ. އަދި 22 ޕަސެންޓް އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ހަރަދުކުރީއިރު ނުވަ ޕަސެންޓް ހަރަދުކޮށްފައިވަނީ ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށެވެ.

ހިސާބުތަކުންދައްކާ ގޮތުން މުޅި ޖުމްލަ ޕްރައިވެޓް ސެކްޓަރަށް އާސަންދައިގެ 36 ޕަސެންޓް ހަރަދުކޮށްފައިވާއިރު 55 ޕަސެންޓް ހަރަދުކުރީ ސަރުކާރުގެ ދާއިރާތަކަށެވެ.

އެންމެ ގިނަ ބަޔަކު އާސަންދައިން ފަރުވާ ހޯދީ ފަސް ބައްޔަކަށެވެ. އެއީ ލޭ މައްޗަށް ދިއުމާއި ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ހިތުގެ ސާޖަރީތަކާއި ވިހެއުމުގެ ކަންތައްތަކާއި، ލޮލުގެ ބައްޔާއި ކިޑްނީގެ ބަލި އަދި ހުންޖެހިގެންވެސް ގިނަ ބަޔަކު ވަނީ ފަރުވާހޯދައިފަ އެވެ.

އާސަންދަ ސްކީމް ތައާރަފް ކުރީ ކޮންމެ ރައްޔިތަކަށްވެސް 100،000ރ. ގެ ބޭސްފަރުވާ ހިލޭ ކުރެވޭ ގޮތަށެވެ. ނަމަވެސް ސްކީމްގެ ހަރަދު ބޮޑުވެ އާސަންދައަށް ކަނޑައެޅި ބަޖެޓް ހުސްވުމުގެ ބިރު ހީވުމާ އެކު ސަރުކާރުން ވަނީ އޮގަސްޓް މަހުގެ ތެރޭގައި ނިޒާމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޕްރައިވެޓް ކްލިނިކްތަކުން ހިދުމަތް ހޯދުމުގައި އަގު ދައްކަން ޖެހޭ ގޮތައް ނިޒާމު ވަނީ އަލުން ބައްޓަންކޮށްފަ އެވެ.