15 Nov 2012, 11:56
ކެރަމް ގައި ކުޅުވޭ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމުގައިވާ 23 ވަނަ ގައުމީ ކެރަމް މުބާރާތް މިމަހު 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެފި އެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ކެރަމް ކުޅުމަށް ޝައުޤުވެރިކަން ހުންނަ އެންމެހައި ފަރާތްތަކަށް ޢާންމުކޮށް ހުޅުވާލައިފައެވެ.
ދެ ޑިވިޝަނަކަށް ބާހާލައިގެން ބޭއްވޭ މި މުބާރާތުގެ ޕްރިމިއާ ޑިވިޝަންގައި ޓީމް އިވެންޓު، ސިންގަލްސް އަދި ޑަބަލްސް އިވެންޓު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެވަނަ ޑިވިޝަންގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސިންގަލްސް އާއި ޑަބަލްސް އިވެންޓެވެ. އަދި މީގެ އިތުރުން ދެ ޑިވިޝަންގެ ކުޅުންތެރިން އެއްކޮށް މިކްސް ޑަބަލްސް އިވެންޓެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޕްރިމިއާ ޑިވިޝަންގައި ވާދަކުރަން ބޭނުން ކޮންމެ ކުޅުންތެރިއަކަށްވެސް އެ ޑިވިޝަންގައި ވާދަކުރަން ފުރުސަތު ހުޅުވާލެވިފައި އޮންނައިރު މުބާރާތުގައި އަލަށް ބައިވެރިވާ ގިނަ ކުޅުންތެރިން ވާދަކުރާ ސެކަން ޑިވިޝަންގައި ބައިވެރިވުމަށް ޝަރުތުތަކެއް ހިމެނެއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ކެރަމްގެ ޤައުމީ ޓީމަށާއި ޤައުމީ ސްކޮޑަށް ކުޅެފައި ނުވުމާއި، މިހާތަނަށް ބާއްވާފައިވާ އެއްވެސް ޤައުމީ ކެރަމް މުބާރާތެއްގެ ގަދަ އަށެއްގައި ހިމެނިފައި ނުވުމާއި، އެންމެ ފަހުގެ ދެ ޤައުމީ މުބާރާތުގެ ޕްރިމިއާ ޑިވިޝަނަށް ކުޅެފައި ނުވުމާއި، އެންމެ ފަހުގެ ޤައުމީ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސިންގަލް ޗެމްޕިއަން އަދި ރަނަރއަޕް ކަމުގައި ނުވުމާއި އަދި 2011 އަދި 2012 ވަނަ އަހަރު ކެރަމް އެސޯސިއޭޝަނުން ރާވާ ހިންގި އިންޓަ ސްކޫލް ފިޔަވައި އެއްވެސް މުބާރާތެއްގެ ސިންގަލްސް ޗެމްޕިއަނެއް ކަމުގައި ނުވުން ހިމެނޭ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ، ކެރަމް ހޯލުން ނާއި ކެރަމް އެސޯސިއޭޝަންގެ އޮފީހުން މުބާރާތުގައި ބައިވެރި ވުމުގެ ފޯމު މިހާރު ލިބެން ހުނާނެ ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.